English Edition
Dhivehi Edition

ޑެންގީހުން ޖެހިގެން 6 ތުއްތު ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ މިވަގުތު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ހަ ކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށާއި، ބައެއް ކުދިންގެ ގަޔަށް ލޭ އަޅަންޖެހިފައިވާ ކަމަށެވެ.

މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ އިތުރުވެފައި ވާއިރު، މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ވެސް މި ދުވަސްވަރު ވަނީ އާންމު ވެފައެވެ. އެގޮތުން މިއަހަރުގެ އެޕްރިލް މަހާ ހަމައަށް އެބަލީގެ 134 ކޭހެއް ރިޕޯޓުކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ޑެންގީ ހުމާއި ގުޅޭގޮތުން ޑރ.ފައިސަލް ވިދާޅުވީ މިއީ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމަށާއި، މި ބައްޔަށް ރައްކާތެރިވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑރ.ފައިސަލް ވަނީ މި ބަލި ޖެހޭ މީހާ ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއްދީގެން ބެލުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ ޑެންގީ ހުމުގައި ނުރައްކާވަނީ، ހުން މަޑުވެ ފުރަތަމަ 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި ކަމަށްވާތީއެވެ. އެހެންކަމުން ހުން މަޑުވުމުން ދެދުވަސްވަރު އިތުރަށް ސަމާލުވާންޖެހޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުން މަޑުވުމަށްފަހު އިތުރަށް ވަރުބަލިވެ، ހޮޑުލެވި އެހެނިހެން އަލާމަތްތައް ފެންނަ ކަމަށްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހުން މަޑުކުރުމަށް ޕެރަސިޓަމޯލް ނޫން ބޭހެއް ކައިގެން ނުވާނެ ކަމަށާއި، ބްރޫފަން ފަދަ ބޭސްތައް ބޭނުކުރުމުން އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތައް؛

  • މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން
  • ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން. (މިއީ މަދިރި އެންމެ ގިނަވާ ވަގުތުތައް)
  • ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުން އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން.

 

ޓެގު