އުމްރާއަށް ދާ މީހުންގެ އަތުން ނަގާ ފީ، ސައުދިއަރަބިޔާއިން ބޮޑުތަނުން ލުއިކޮށްދީފި އެވެ. އިސްލާމިކް މިނިސްޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ އިން ރާއްޖެއިން އުމްރާއަށްދާ މީހުންގެ އަތުން ނަގާ ފީ ކުޑަކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ސައުދީ އެމްބަސީ އާއި ހަވާލާދީ އިސްލާމިކް މިނިސްޓީން ބުނީ ކުރިން އުމްރާގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކުގެ އަތުން ރިޕީޓްސް ފީގެ ނަމުގައި ކުރީން ނަގަމުން އައި 2000 ރިޔާލު ނުނަގާގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ވިސާ ފީގެ ގޮތުގައި ހުރިހާ އުމްރާވެރިންގެ އަތުންވެސް މިހާރު ނަގާނީ 300 ރިޔާލު ކަމަށް މިނިސްޓީން ވިދާޅުވިއެވެ.
ސައުދީ އެމްބަސީ އިން ބުނީ މި ފީގެ އިތުރުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް ތަފާތު އޭޖެންސީ މެދުވެރިކޮށް ވިސާ ނަންގަވާއިރު އެފަރާތްތަކުން ދޭ ޚިދުމަތްތަކާއި ގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި އެއީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫންކަމަށް ސައުދީ އެމްބަސީން މައުލޫމާތު ދެއެވެ.