English Edition
Dhivehi Edition
ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މަސްރަހު ނުތަނަވަސްވެފައިވީ ނަމަވެސް، މިވަގުތު މައްކާގައި ތިބި ދެހާހަށްވުރެ ގިނަ ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ އުމްރާވެރިންގެ ހާލަތުވެސް ސަރުކާރުން ގާތުން ބަލަމުންދާ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން، ފަންސާހެއްހާ އުމްރާވެރިންނަށް އެނބުރި ރާއްޖެ ނާދެވި ވަނީ ތާށިވެފައެވެ. އެ މީހުންނަކީ އެކުވެރި އަރަބި ގައުމެއްގެ ފްލައިޓަކުން ދަތުރުކުރަން ހަމަޖެހިފައި ތިބި ބައެއް ކަމަށާއި، އެ މީހުން އަނބުރާ ގެނައުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީގެ މައިގަނޑު މަގުސަދަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމެވެ. މިގޮތުން ހާލުގައި ޖެހިފައިވާ އުމްރާވެރިންނަށް ގޮތްތަކެއް ހޯދުމާއި، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މިވަގުތަށް އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އުމްރާވެރިންގެ އާއިލާތަކުން ކަންބޮޑުނުވުމަށާއި، ސަރުކާރުގެ އެހީތެރިކަން އެ ފަރާތްތަކަށް ލިބޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.