ޖަރާސީމުން ތަޣައްޔަރުވެފައިވާ ރާސްބެރީ ރާއްޖެ އެތެރެވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ‘ނޯރޯވައިރަސް’ ޖަރާސީމުން ތަޣައްޔަރުވެފައިވާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެލާޓާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދާ އެފަދަ އުފެއްދުން އަނބުރާ ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް ލިބުނު މަޢުލޫމާތުން އެ އުފެއްދުން ޑިސްޓްރިބިއުޓް ވެފައިވަނީ ހަމައެކަނި ރިސޯޓް ތަކަށް ކަމުގައިވެސް އެމްއެފްޑީއޭ އިން ބުނެއެވެ.
އެމްއެފްޑީއޭ އިން ވަނީ ތަޣައްޔަރުވެފައިވާ ރާސްބެރީ ެތެރެނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުންނުކުރުމަށްވެސް އަންގައިފަ އެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން ފުރިހަމަ މަޢުލޫމާތު ނެތް ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރީ އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރުމަށްވެސް އެ އޮތޯރިޓީ އިން ވަނީ އަންގައިފަ އެވެ.
އެމްއެފްޑީއޭގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖެއަށް އެތެރެކުރާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީއަށް ވަކި ޚާއްސަ ސަމާލުކަމެއް ދީގެން ބޯޑާގައި ބަލާފާސްކުރަމުންދާ ކަމަށެވެ.
އަދި އެކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންނަމަ، ރަސްމީ ގަޑީގައި ނަމަ ނަންބަރު 3014361 ފޯނަށް އަދި ނުރަސްމީ ގަޑީގައިނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުމަށްވެސް އެ އޮތޯރިޓީ އިން ވަނީ އެދިފައެވެ.