English Edition
Dhivehi Edition

ޕްރިންސިޕަލް ޢަލީ މުޞްޠަފާގެ ވަދާޢުން މުޅި ފޭދޫ ރޮއްވާލައިފިއޭ އަޅުގަނޑު މިތަނުގައި މިލިޔަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ލޮލަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުންނެވެ. ފޭދޫސްކޫލުގެ ޓީޗަރުންނާ، މުސްކުޅި ދަރިވަރުންނާ، ބެލެނިވެރިން، ޕްރިންސިޕަލް މުޞްޠަފާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދިޔަލެއް ގިނަ ކަމާއި ފާޅުކޮށްފައިވާ ޝުޢޫރުތަކުގެ ސަބަބުންނެވެ. ހިއްސާ ކޮށްފައިވާ އަސަރުގަދަ ޅެންތަކާއި ލަވަތަކުގެ ސަބަބުންނެވެ.
އެގޮތުން އެކި މީހުން ހިއްސާކޮށްފައިވާ ފޭސްބުކް ޕޯސްޓުތަކާއި ކޮމެންޓުތައް ކިޔާލީމެވެ. ތަފާތު އެތައް ވާހަކަ ތަކެވެ. އަސަރުގަދަ ކޮމެންޓުތަކެވެ. ބައެއް ބޭފުޅުންގެ ކޮމެންޓުގައި ނުދުރުވާށޭ ނުދުރުވާށޭ ވިދާޅުވެ އާދޭސްކޮށްފައި މުސްޠަފާއަށް ޓެގް ކޮށްފައިވާއިރު ބައެއް ބޭފުޅުން އެފަދަ ޕްރިންސިޕަލަކު އަދި ފޭދޫސްކޫލު ނުދެކޭ ކަމުގައިވެސް ހާމަކޮށްފައިވެއެވެ. ކޮށްދެއްވި ޚިދުމަތްތަކުގެ ވާހަކައެވެ. ޝުކުރުގެ ބަސްތަކެވެ. އެ ޕޯސްޓުތަކާއި ކޮމެންޓުތަކުން ހަޤީޤަތުގައިވެސް މުޅި ފޭދޫ ކަހަލަ ގޮތަކަށް ފޭދޫސްކޫލުން ޢަލީ މުޞްޠަފާ ވަކިވެ ވަޑައިގަތުމާއި ގުޅިގެން ހިތާމަ ކުރައްވާކަން ހާމަވިއެވެ.

އެހެންކަމުން އަޅުގަނޑު ގަސްތުކުރީ ފޭދޫގެ ތަޢުލީމީ މުޖުތަމަޢުއާ ގުޅުން ހުރި ބައެއް ބޭފުޅުންނާ ސުވާލުކޮށް
މިކަމާ ގުޅޭގޮތުން އެބޭފުޅުންގެ ޝުޢޫރު ދެނެގަތުމަށެވެ. އެގޮތުން އަޅުގަނޑު ހޯދާފައިވާ ބައެއް ބޭބޭފުޅުންގެ ޝުޢޫރު މިތަނުގައި ހިއްސާ ކޮށްލާނަމެވެ.
“ޢަލީ މުޞްޠަފާ އަކީ ވަރަށް ޤާބިލު ހިންގުންތެރި ބޭފުޅެއް، އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސިޔާސީ ހަލަބޮލިކަން ނުހަނު ބޮޑުވެގެން ދިޔައިރުވެސް ވަކި ފަރާތަކަށް ޖެހިވަޑައި ނުގެން، އަދި އެފަދަ ފުރުޞަތެއް ޓީޗަރުންނަށްވެސް ނުދެއްވައި ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ސްކޫލުގެ ކުރިއެރުވުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން ވަރަށް ބޮޑަށް އެއްބާރުލުން ހޯއްދަވައިގެން މަސައްކަތް ކުރެއްވިކަން، އެއީ ކޮންމެ ކޮންމެ ބޭފުޅަކަށް ކުރެވޭނެ ކަމެއްނޫން. އަދި އެއީ ފަސޭހަ ކަމެއްވެސް ނޫން. އެހެންކަމުން ދެންނެވޭނީ ވަރަށް ހަރުދަނާ ވަރަށް ވިސްނުންފުޅު ތޫނު އެހެން މީހުންނާ ގުޅިގެން އުޅުއްވަން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކޭ.” ޢަލީ ފަޙްމީ އަޙްމަދު (ފޭދޫގެ ކައުންސިލަރު) ޢަލީ ފަޙުމީ ދެން ވިދާޅުވީ ހަމަ އެފަދަ ކުޅަދާނަ ބޭފުޅަކު ފޭދޫސްކޫލަށް ލިބޭނެ ކަމުގައި އުއްމީދުކުރައްވާ ކަމަށާއި އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމެވެ.
“ޢަލީ މުޞްޠަފާ އަކީ ވަރަށް ބުރަކޮށް މަސަކަތް ކުރައްވާ ޕްރިންސިޕަލެއް، މަޤަޞަދާ ހަމައަށް ވާޞިލުވުމަށް ގަދައަޅައި މަސައްކަތް ކުރާ އެހެން މީހުންނާ ވަރަށް ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މިހެއް” އިބްރާހިމް ނަދީމް ( އައްޑޫ ސިޓީގެ ސްކޫލް ކޯޑީނޭޓާރ)
“ޢަލީ މުސްޠަފާގެ އެންމެ ރަނގަޅު އެއް ސިފަޔަކީ ކަމަކާ ދެބަސްވެ ބަހެއް ބުނެވުނަސް އެކަން ހަނދާން ނައްތާލައި ޢަލީ މުޞްޠަފާގެ އިސްނެގުމާއި އެކު އަލުން އެކުގައި ކުރިއަށްދާ ދިއުން! އެކުގައި މަސައްކަތް ކުރެއްވި އެހެން ސްކޫލެއްގެ ޕްރިންސިޕަލެއްގެ ހައިޞިއްޔަތުން ދެންނެވޭނީ ކުރަން އުޅޭ އައު ކަންތައްތަކުގެ ވާހަކަ ދައްކައި އެހެން މީހުންގެ ލަފާ ހޯދައި އެ ލަފާގެ ބޭނުންވެސް ކުރާ ލިބޭ ތަޖުރިބާތަށްވެސް ހިއްޞާ ކުރާ ބޭފުޅެކޭ، ސްކޫލު ދާއިރާގައި ޝައުޤުވެރިކަމާއި އެކު މަސައްކަތް ކުރާ ބޭފުޅެކޭ!” މުޙައްމަދު ނާސިރު (އިރުޝާދިއްޔާ ސްކޫލުގެ ޕްރިންސިޕަލް)

“ޕްރިންސިޕަލް ސްކޫލު ދޫކޮށްފައި ދާތީ ވަރަށް ދެރަވޭ! ވަރަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވައިފި، ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިފި، ފޭދޫސްކޫލަށް ގިނަ ކުރިއެރުންތައް ހޯއްދަވައި ދެއްވައިފި، އުއްމީދަކީ ދެންވެސް ސްކޫލަށް ޢަލީމުޞްޠަފާ ވަރުގެ ޤާބިލު ބޭފުޅަކު ލިބުން” ޖެޒުމީނާ (ފޭދޫސްކޫލުގެ ޕީޓީއޭގެ ނައިބުރަޢީސް)
“ޢަލީ މުޞްޠަފާ އަކީ ވަރަށް ހިންގުންތެރި ކަމަށް ޤާބިލު، ދުރުވިސްނިވަޑައިގަންނަވާ ވިސްނުންތޫނުފުޅު، އެހެން މީހުންނާ ގުޅިގެން ސްކޫލުގެ ކުރިއެރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް، ފެދޫސްކޫލުދެކެ ނުހަނު ލޯބިފުޅުވެ ސްކޫލަށް ޢުމްރާނީ، އިޖުތިމާޢީ އަދި ތަޢުލީމީ ގޮތުންވެސް ކުރިއެރުމާއި ތަރައްޤީ ގެނެސް ދެއްވި ބޭފުޅެއް، ދަރިވަރުން އަޚްލާޤާއި ސުލޫކު ރަނގަޅުކޮށް ރަނގަޅު ނަތީޖާ ނެރެދެއްވި ބެފުޅެއް!، ދާއިރާގެ ކުރީގެ މެމްބަރުގެ ހައިޞިއްޔަތުން އަދި ރަށުގެ އާންމު ރައްޔިތެއްގެ ހައިޞިއްޔަތުން މުޞްޠަފާ ސްކޫލަށް ކޮށްދެއްވި ޚިދުމަތް އުފަލާއެކު ބަލައިގަންނަން! އެކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު މުޞްޠަފާއަށް ޝުކުރު އަދާ ކުރަން” އައިބީ (ފޭދޫ ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެމްބަރު)
، މުވައްޒަފުންގެ އިހްސާސްތައް ދެނެވަޑައިގެން އަޅާލުމާއި ގާތްކަން ބަހައްޓަވައިގެން” މަސައްކަތް ކުރެއްވި ބޭފުޅެއް! ސްކޫލުގެ މާހައުލުގެ މަސްލަހަތު ހިފަހައްޓައި، އެންމެން އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ހިތްވަރު ދެއްވި ލީޑާރެއް، ރަޙްމަތްތެރިއެއް! އެހެން މީހުންނާއި މުޢާމަލާތު ކުރުމުގައި ވަރަށް ޙިކުމަތްތެރި އޭ އަޅުގަނޑު ދަންނަވާނީ! އަޅުގަނޑު ދަންނަވާނީ ސަރ އެ ދުރުވީ އަޅުގަނޑުމެން ހަމަ ރަނގަޅަށް ވެސް ރޮއްވާލާފައޭ” ފާތުމަތު ޝީނާޒު( ފޭދޫސްކޫލުގެ ލީޑިން ޓީޗަރ)


“މިއަދު އަޅުގަނޑު ވަރަށް ހިތާމައާއި އެކު ޢަލްވަދާޢު މިކީ ފޭދޫސްކޫލުގައި މަސައްކަތް ކުރެއްވި ވަރަށް ރަނގަޅު ލީޑަރުންގެ ތެރެއިން އެކަކަށް. ޢަލީ މުޞްޠަފާގެ މޭސްތިރި ކަމުގެ ދަށުން ސްކޫލަށް ވަރށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. ދަރިވަރުންގެ ކުރިއރުމާއި ކާމިޔާބަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. ދަރިވަރުންގެ ކިޔެވުމަށް ފަހި ބަދަލެއް ގެނެސްދޭން ހީވެސް ނުކުރާ ފަދަ ކަންތައްތައް ކުރެއްވި ޕްރިންސިޕަލެއް” އާޒިމާ (ފޭދޫސްކޫލަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ޓީޗަރެއް)

“ވަރަށް ތަފާތު ބޭފުޅެއް! މުވައްޒަފުންނާ ދޭތެރޭގައި ވަރަށް އަޅާލުން ބަހައްޓަވާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް! މިހާރު މި އޮތް ފެންވަރަށް ސްކޫލު ގެނެވިފައި މިއޮތީ ޕްރިންސިޕަލްގެ ވަރަށް ބުރަ މަސައްކަތާއެކު އެހެންކަމުން އަދިވެސް އިތުރު ކުރިއެރުންތަކަށް ނުހަނު އިންތިޒާރު ކޮށްގެން ތިބި ވަގުތެއްގައި ޕްރިންސިޕަލް ވަކިވެދާތީ ނިހާޔަތެއް ހިތާމަކުރަން! ދުޢާ އަކީ ޕްރިންސިޕަލަށް ދެ ދުނިޔޭގެ ކާމިޔާބު މިންވަރުކުރެއްވުން” ޝައިޚް އަޙްމަދު ނާޒިޙް ( ފޭދޫސްކޫލުގެ ޓީޗަރެއް)


“Principal Ali Musthafa Sir is A man with scintillating brilliance and academic efficacy. He can be described as the epitome of incessant ebullience. He is the one who raised Feydhoo School from the nadir to the apex and actualized the slogan ‘The Journey to Success’” Leading teacher Sojan Kurian (Expatriate teacher working at FS from 2006 to date)
“”ވަޒީފާގެ ޙަޔާތުގައި ވަރަށް ގިނަ ވެރިންނާއެކު މަސައްކަތް ކުރިން، ވަރަށް ރަނގަޅު ވެރިންނާ ވެސް ދިމާވި އެކަމަކު ޢަލީ މުޞްޠަފާ ވަރުގެ، ބޮޑާކަމެއް ނެތި ހުރިހާ މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތް ކުރެއްވި ވެރިޔަކު ނުދެކެން! ސްކޫލަށް ކުރިއެރުން ގެނެސް ދެއްވި ކުޅަދާނަ ޤާބިލު ޝަޚްޞިއްޔަތެއް” ޝިޔާމާ (ފޭދޫސްކޫލުގެ އެޑްމިނިސްޓްރޭޓަރ)
“ޕްރިންސިޕަލް ނުރުހޭ ކަމެއް ދިމާވިޔަސް ހިތުގައި ނުބާއްވާނެ، އެކަމާ ވިދިގެން ނުރުހުމުގެ ބަހެއްވެސް ނުބުނާނެ، މުވައްޒަފުންނަށް ވަރަށް ހެޔޮ، މުވައްޒަފުންގެ ކުރިއެރުމާއި މެދު އަބަދުވެސް ވިސްނަވާ ވެރިއެއް، އަޅުގަނޑާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވީ ޕްރިންސިޕަލް ފޭދޫސްކޫލުގައި ހޭދަކުރެއްވި ހުރިހާ ދުވަހެއްގައިވެސް. ވަރަށް ދެރަވޭ ޕްރިންސިޕަލް ސްކޫލު ދޫކޮށްފައި ވަޑައިގެންނެވީމަ” އަޒްފާ ( ޕްރިންސިޕަލް ގެ ސެކެޓްރީ)

” ޢަލީ މުޞްޠަފާ ސަރ އަކީ ދަރިވަރުންނަށް އެންމެ ފައިދާހުރި މޮޅުގޮތް ފަހިކޮށްދެއްވުމަށް އެންމެ ގާކޮޅެއްވެސް ނުފުރޮޅައި ނުބާއްވަވާ، އާދަޔާ ޚިލާފަށް މަސައްކަތް ކުރެއްވި ޕްރިންސިޕަލެއް! އަޅުގަޑަށް ފެނުނު އަދި ތަޖުރިބާކުރެވުނު އެންމެ މޮޅު ޕްރިންސިޕަލް ކަމާމެދު ކުޑަވެސް ޝައްކެއް ނެތް! ކާމިޔާބަށް ވާސިލްވުމަށް އަޅުގަޑާއި އަދި އެހެންވެސް ދަރިވަރުންނަށް މަގުދައްކަވައި ދެއްވުމަށް ގަދަ އަޅާ މަސައްކަތް ކޮށްދެއްވި! އަލީ މުސްތަފާ ސާރ ކޮންމެތާކަށް ވަޑައިގަތަސް ތަފާތު ނަތީޖާއެއް ނެރެ ދެއްވާނެ ކަމާމެދު އަޅުގަޑު ޝައްކެއް ނުކުރަން” ފައިހާ ފިރާޤް (2015 ވަނަ އަހަރު ފޭދޫސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު)
ސްކޫލު ދައުރުގައި ދަރިވަރަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކަށް ވާނީ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށްޓަކައި އެހީތެރިވެދެއްވާނެ އެދުރެއް! ޢަލީ މުޞްޠަފާ ސާރ އަކީ ކޮންމެ ދުވަހަކުވެސް އައު ކަންތައްތައް ތަޖުރިބާކޮށް ކިޔެވުމުގެ މަރުޙަލާގައި އައު ހަރުފަތްތަކަށް ވާސިލުވުމަށް ކެނޑިނޭޅި މަސައްކަތް ކޮށްދެއްވި ޕްރިންސިޕަލެއް އަދި އެދުރެއް” ސިބާ ސަޢީދު (2014 ވަނަ އަހަރުގެ ފޭދޫސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު)

“”ޕްރިންސިޕަލަކީ ހަމަ ބަޑީއެއް، ގޯސްކޮށް ކަމެއް ކުރެވުނަސް އެކަން އިތުރު މީސް މީހުންނަށް ނާންގާނެ. އަޅުގަނޑުމެންނަށް ނަޞޭހަތް ދީ ރަނގަޅު ކުރަން ފުރުޞަތު ދެއްވާ. ވަރަށް ލޯބިވޭ ޕްރިންސިޕަލްދެކެ، ވަރަށް ދެރަވޭ ޕްރިންސިޕަލް ވަކި ވެގެން ދާތީ” ދަރިވަރެއް
“ވަރަށް ދެރަވޭ ޕްރިންސިޕަލް ދިޔައިމަ، މިއަދު ޕްރިންސިޕަލްގެ ރޫމާ ދިމާއަށް ބަލާލެވުނީމަ ވަރަށް ދެރަވި، ވަރަށް ރަނގަޅު ޕްރިންސިޕަލް ،ވަރަށް ނަސޭޙަތް ދެއްވާނެ، އަދި ޕްރިންސިޕަލާ ބައްދަލުވާނެ ކަމަށް އުއްމީދުކުރަން، ދެން ބުނެލަން ބޭނުމީ ވަރަށް ބޮޑަށް ތޭންކްސް އޭ. ވަރަށް މިސް ވާނެއޭ!” ދަރިވަރެއް


”އަޅުގަނޑުގެ 7 ކުދިން ފޭދޫސްކޫލުގައި ކިޔަވައިފި 6 ކުދިން އޯލެވެލް ހަދައިފި. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވުނު ތަޖުރިބާގައި ދެންނެވޭނީ ޢަލީ މުޞްޠަފާއަކީ ދަރިވަރުން ތަފާތު ނުކުރާ އަބަދުވެސް ދަރިވަރުންނަށް ހެޔޮގޮތްތައް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ވަރަށް ރަނގަޅު ނަމޫނާ ޕްރިންސިޕަލެކޭ” ޙައްވާ އާފިޔާ (ބެލެނިވެރިއެއް- 2018 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ ބެލެނިވެރިޔާ)

މި ލިޔުމުގައި ގެނެސްދެވުނު އެކި ބޭފުޅުންގެ ޝުޢޫރުތަކުންވެސް އެތައް ކަމެއް ހާމަވެގެން އެބަ ދެއެވެ. އެގޮތުން ހާމަވާ އެއްކަމަކީ ފޭދޫސްކޫލުގެ ދިގު ތާރީޚުގެ ތެރެއިން ފާއިތުވި އަށް އަހަރަކީ ސްކޫލުގެ ރަން ދައުރު ކަމުގައި ފޭދޫގެ ގިނަ ބަޔަކު ސިފަ ކުރެއެވެ. ސަބަބަކީ ފޭދޫ ސްކޫލު އަތޮޅު ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަދި ދުނިޔޭގެ ފެންވަރުގައިވެސް މިއަދު ހޯދަމުންދާ ތަފާތު ކާމިޔާބެވެ. ޢުމްރާނީ ގޮތުން ބަލައިލި ކަމުގައި ވިޔަސް ނުހަނު ބޮޑު ކުރިއެރުމެއް ސްކޫލަށް މުސްޠަފާގެ ޕްރިންސިޕަލް ކަމުގެ ދައުރުގައި ލިބިފައި އޮތްކަމީ ފެންނަން އޮތް ހަޤީޤަތެކެވެ. ވުމާއެކު ފޭދޫގެ ރައްޔިތުން ސިފަ ކުރައްވަނީ މުޞްޠަފާ އަކީ ފޭދޫސްކޫލުގެ ތަރައްޤީގެ މޭސްތިރި ކަމުގައެވެ. އަދި ފޭދޫސްކޫލުގެ ރަންދައުރުގެ ބާނީކަމުގައެވެ.
ފޭދޫގެ ތަޢުލީމީ މުޖުތަމަޢުގެ ގިނަ ބަޔަކު މުޞްޠަފާ ސިފަ ކުރައްވަނީ، އެއީ ޝަޢުޤުވެރި ކަމާއެކު ކުރިއެރުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ނަތީޖާ ނެރެދެއްވި ހިންގުންތެރި ނަމޫނާ ވެރިއެއްގެ ގޮތުގައެވެ. އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރެއްވި ހަރުދަނާ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.
ފޭދޫސްކޫލަކީ ޒަމާންތަކެއް ވެފައިހުރި ދިގު ތާރީޚެއް އޮތް ތަޢުލީމީ ބިނާއެކެވެ. ސްކޫލުގެ މާޒީއާ ދޭތެރޭގައި ފިކުރު ހިންގަވާ ރައްޔިތުން މިއަދު ސްކޫލު ދެކެމުންދާ ކާމިޔާބީގެ ސަބަބުން މުސްޠަފާއަށް ތަޢުރީފުކުރެއެވެ. މިވަގުތު ސްކޫލާއި މުޞްޠަފާ ވަކިވެ ވަޑައިގަތުމަކީ އެއިން އެއްވެސް ބޭފުޅަކު ދެކެން ބޭނުން ނުވާ ކަމެކެވެ. އެހެން ނަމަވެސް ސްކޫލާ އަލްވަދާޢު ވިދާޅުވަން މުޞްޠަފާ ނިންމެވުމާއި ގުޅިގެން ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް މުސްޠަފާއަށް ޝުކުރު އަދާކުރެއެވެ. އަދި އެބޭފުޅާއަށް އިތުރު ކާމިޔާބީއަށް އެދި ދުޢާކުރެއެވެ.
ފޭދޫގެ ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރާ އިޙުތިރާމާއި ޤަދަރު ކުރަން ދަންނަ ހިތްހެޔޮ ބައެކެވެ. ތަރައްޤީއަށްޓަކައި ގުޅިގެން މަސައްކަތްކުރާ އެހެން މީހުންގެ ރަނގަޅު ކަންތައްތައް ބަލައިގަންނަ ޝުކުރު ކުރަން ދަންނަ ބައެކެވެ. މަތީގައިވާ ހިމަނާފައިވާ ފޭދޫގެ ރައްޔިތުންގެ ޝުޢޫރުތަކާއި ވާހަކަ ތަކުން ފޭދޫގެ ރައްޔިތުންނަކީ މިދެންނެވި ފަދަ ބައެއްކަން ހާމަވެގެން ގޮސްފިއެވެ.
ފޭދޫސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިންގެ ޝުޢޫރު ތަކުން ހާމަވި މުހިއްމު އަނެއް ކަމަކީ އެ ޓީމަކީ ނަމޫނާ ޓީމެއްކަމެކެވެ. ވެރިންނަށް އިޙުތިރާމު ކުރާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔެއްކަމެވެ. އަދި ނުދަންނަ ބީރައްޓެއްސަކަށް ވެސް ފޭދޫސްކޫލުގެ ޓީމާއެކު ޝައުޤުވެރި ކަމާއެކު ގަދައަޅައި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ހޯދިދާނެ ކަމާއި ރަށުގެ ރައްޔިތުންގެ ލޯބިވެސް ހާޞިލު ކުރެވިދާނެ ކަމެވެ.
2011 ވަނަ އަހަރު މުޞްޠަފާ ފޭދޫސް ސްކޫލާ ހަވާލުވެ ވަޑައިގެންނެވި އިރު އެބޭފުޅާ އަކީ ފޭދުއަށް މުޅިން އައު މޫނެކެވެ. ރައްޔިތުން ނުދަންނަ ބީރައްޓެއްސެކެވެ. ރަށުގައި ހުރި ހަމައެކަނި ސްކޫލު، އެފަދަ ބީރައްޓެއްސަކާ ހަވާލު ކުރެވުނު އިރު ފޭދޫގެ ރައްޔިތުން ތިބީ ހިތުގައި އެތައް ސުވާލެއް އުފެދިފައެވެ. ނަމަވެސް މިއަދު އޭގެ އަށް އަހަރު ފަހުން މުޞްޠަފާ ފޭދޫ ސްކޫލާއި ވަކިވެ ވަޑައިގަންނަވަނީ ފޭދޫގެ ރައްޔިތުން ހިތުގައި އުފެދުނު ހުރިހާ ސުވާލަކަށް ފުރިހަމަ ޖަވާބެއް ދެއްވާފައެވެ. ފޭދޫސްކޫލަކީ މިއަދު ފޭދޫގެ ރައްޔިތުން ފަޚުރުވެރިވާ ފަދަ ސްކޫލަކަށް ހައްދަވާފައެވެ. ފޭދޫގެ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންނެވެ. ތެދު ތެދަށް ދަންނަވާ ނަމަ ފޭދޫގެ މުޅި ތަޢުލީމީ މުޖުތަމަޢު ރޮއްވާލާފައެވެ.
.

1 ކޮމެންޓް
Niha
ނޮވެމްބަރު 5, 2019
Abadhuvess principal ah kaamiyaaber ah edhen