ފޭދޫސްކޫލުގައި ދިގު މުއްދަތެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ސްކޫލު ދޫކޮށްފައި ވަޑައިގަންނަވަނީ ހިތާމަ ކުރާ ހާލުގައި ކަމުގައި ޕްރިންސިޕަލް ޢަލީ މުސްޠަފާ ވިދާޅުވެއްޖެއެވެ.
ޢަލީ މުސްޠަފާ ފޭދޫސްކޫލުގެ ޕްރިންސިޕްލްގެ މަޤާމުން އިސްތިޢުފާ ދެއްވައި ޕްރައިވެޓް ސްކޫލެއް ކަމަށްވާ ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ގުޅިވަޑައިގަންނަވާ ޚަބަރަކީ ފޭދޫގެ ގިނަ ބަޔަކަށް ހިތާމަވެރިކަން ލިބުނު ޚަބަރެކެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ފޭދޫގެ ތަޢުލީމީ މުޖުތަމަޢުއިން ވެސް ފެންނަނީ މޮޅިވެރިކަމެވެ. ހިތާމައެވެ. ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނާއި ބައެއް ދަރިވަރުންވެސް ހިތާމަވެރިކަމުގެ ޝުޢޫރު ފާޅުކުރަމުން އެބަގެންދައެވެ
.
އެހެން ކަމާ އެކު ފޭދޫގެ ގިނަ ބަޔަކު ރޮއްވާލާފައި ޢަލީ މުޞްޠަފާ ވަޑައިގަންނަވަނީ ކީއްވެގެންތޯ ދެނެގަތުމުގެ ޝައުޤުވެރިކަން އުފެދި އޭއޯ ނިވްސް އިން ޢަލީ މުޞްޠަފާއާ ބައްދަލުކޮށް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާލީމެވެ.
ޕްރިންސިޕަލް ޢަލީ މުސްޠަފާ ވިދާޅުވި ހުރިހާ ވާހަކަތަކަކީ ވެސް ފޭދޫގެ ރައްޔިތުން އަޑުއަހަން ބޭނުންފުޅުވާނެ އަދި ފޭދޫގެ އެންމެހާ ރައްޔިތުންނާ ހިއްޞާކުރައްވަން ޚުދު ޢަލީ މުޞްޠަފާވެސް ބޭނުންފުޅު ވެފައިވާ ވާހަކަ ތަކެވެ. ވުމާއެކު އެވާހަކަތައް ތިޔަ ބޭފުޅުންނާ ހަމައަށް އަމާނާތްތެރި ކަމާއެކު ގެނެސްދެވޭތޯ ބަލާނަމެވެ.
ޢަލީ މުޞްޠަފާ ވިދާޅުވި ގޮތުގައި ފޭދޫސްކޫލާ އެބޭފުޅާ ޙަވާލުވެ ވަޑައިގެންނެވިއިރު އެއީ ޒަމާންތަކެއް ވަންދެން ތަޢުލީމީ ބިނާއެއްގެ ގޮތުގައި ހުރި ނަމަވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކު ހިނގަމުންދިޔަ ސްކޫލެކެވެ.
” ފޭދޫސްކޫލާ ޙަވާލު ވުމަށްފަހު ފޭދޫގެ ރައްޔިތުންގެ އަޑު އެންމެ ފުރަތަމަވެސް އަޅުގަނޑަށް އިވުނު. އެބޭފުޅުންގެ އުދާސްތައް އަޅުގަނޑާ ހިއްސާކުރި. އެއްބަޔަކު ތިބީ ވަރަށް ނިކަމެތި ހާލުގަ. ނިކަމެތި ސްކޫލަކަށް އެބޭފުޅުންގެ ކުދިން ކިޔަވަން ފޮނުވައިގެން. އަދި މުޅި ރަށުގައި ޤާއިމުވެފައި އޮތީ ‘ސެލެކްޓިވް ސިސްޓަމެއް’ އާދެ ހޮވާލައިގެން ކުދިން ވެއްދޭ ނިޒާމެއް. ތަޢުލީމީ ނިޒާމުގެ ތެރޭގައި މޮޅު ކުދިން ވަކި ސްކޫލަކަށް ގެން ގޮއްސަ ދަށް ކުދިން ނިކަމެތި ކުރުމާއި ބައިބައި ކުރުމުގެ ސިޔާސަތެއް ނުވަތަ ޖާހިލު ކަމެއް ތަޢުލީމީ ނިޒާމުގެ ތެރޭގައި ހުރި.”
ޢަލީ މުސްޠަފާ ފޭދޫސްކޫލުގެ އޭރުގެ ހާލަތު ސިފަ ކޮށްދެއްވިއެވެ.
އަދި ފޭދޫސްކޫލާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތަކާ ކުރިމަތިލެއްވި ގޮތްވެސް ކުރުގޮތަކަށް ވިދާޅުވެ ދެއްވިއެވެ.
“އެ ކަންތައްތަކާ ކުރިމަތިލާން ޖެހުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް އާދަޔާ ޚިލާފް ތަޖުރިބާއެކޭ. ގިނަ ޕޯޑިއަމް ތަކުގައި ގިނަ ޙަފުލާ ތަކުގައި ގިނަ ތަޢުލީމީ ވެރިންގެ މެދުގައި އެކަމާ ގުޅޭގޮތުން ވަކާލާތު ކުރަން ޖެހުނު. އަދި މިއަދާ ހަމައަށް އައި އިރުވެސް ބައެއްކަހަލަ ތަޢުލީމީ ފަލްސަފާތައް ޤަބޫލު ނުކުރާ ވެރިންނާއި މުދައްރިސުން ނިޒާމުގެ ތެރޭގައި ތިބިކަމީ އަޅުގަނޑު ވަރަށް ހިތާމައާ އެކު ފާހަގަ ކުރާ ކަމެއް. އާދެ ހޮވާލައިގެން ކުދިން ވައްދާ ނިޒާމެއް ސަރުކާރުގެ ތަޢުލީމީ ނިޒާމެއްގެ ތެރޭގައި އޮވެގެން ނުވާނެ. އެލީޓް ސްކޫލް ތަކަކީ މުއްސަނދިންގެ ސްކޫލުތަކެއް. ސަރުކާރުގެ ޚަރަދުގައި ހުންނާނީ ހުރިހާ ދަރިވަރުންނަށް ތަޢުލީމުދޭ ކޮމިއުނިޓީ ސްކޫލު ތަކެއް. މިނޫން ގޮތަކަށް ތަޢުލީމީ ނިޒާމު ބައްޓަން ވެގެންވެސް ނުވާނެ. އަދި އެއީ ޤާނޫނުގައި ޙައްޤުތަކުގެ ބާބުން ލިބިދޭ ޙައްޤުތަކާ ވެސް ޚިލާފުކަމެއް. ނަމަވެސް ސްކޫލްތަކުގެ ތެރޭގައި އެކަން އޮތްކަމީ މިއަދުވެސް އަޅުގަނޑު ނުހަނު ހިތާމަކުރާ ކަމެއް.” ޢަލީ މުޞްޠްފާ ވިދާޅުވިއެވެ.
އަދި މިއަދު ފޭދޫ ސްކޫލު ހޯދާފައިވާ ކާމިޔާބީއާ ބެހޭގޮތުން ޢަލީ މުޞްޠަފާ ވިދާޅުވީ އެ ކާމިޔާބީގެ ފަހަތުގައިވީ އެކެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ފޭދޫސްކޫލަށް އެފަދަ ކާމިޔާބީއެއް ގެނެވިފައިވަނީ ޙަޤީޤަތުގައި އެބޭފުޅާގެ އެކަނި މަސައްކަތަކުން ނޫން ކަމަށާއި ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން ކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.
“އިރާދަކުރެއްވިއްޔާ ފޭދޫސްކޫލަށް، އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދިފައި. އެންމެބޮޑު އެއް ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރާނީ ވަށާޖެހޭ ތަޢުލީމެއްގައި ހުރިހާ ކުދިން ޝާމިލުކޮށްގެން އުނގަންނައި ދިނުމާއި އެކަމުގެ ތެރޭގައި އަޅުގަނޑުމެން ހޯދި ބޮޑެތި ކާމިޔާބީތައް” ޢަލީމުޞްޠަފާ ވިދާޅުވިއެވެ.
އަދި މި މަޢުޟޫޢުގައި އިތުރަށް ވިދާޅުވީ
ފޭދޫސްކޫލުގެ ނަތީޖާ އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އައިސް ފޭދޫސްކޫލުގެ ދަރިވަރުން ވަނީ ދުނިޔޭގެ ފެންވަރުގެ ނަތީޖާތައް ނެރެން ފައްޓާފައި ކަމަށާއި ދުނިޔޭގެ އެއްވަނަ އަދި ދުނިޔޭގެ އެތައް އެވޯޑެއް ޖީސީ އޯލެވެލް ނަތީޖާތަކުގައި މިހާރު ފޭދޫ ސްކޫލުގެ ދަރިވަރުން ހޯދާފައިވާ ވަމަށެވެ.
“އެއީ އަޅުގަނޑުމެން، އަޅުގަނޑު ފޭދޫސްކޫލުގެ ނާޒިރެއްގެ ހައިސިއްޔަތުން، ބެލެނިވެރިންނާއި މުޅި މުޖުތަމަޢުވެސް ފަޚުރުވެރިވާފަދަ ކާމިޔާބީއެއް” ފަޚުރުވެރިކަމާއި އެކު ޢަލީމުޞްޠަފާ ވިދާޅުވިއެވެ.
ފޭދޫސްކޫލުގެ ޢުމްރާނީ ތަރައްޤީއާއި މިހާރުގެ އިޖުތިމާޢީ ހާލަތާ ގުޅޭގޮތުން ވިދާޅުވީ ޢުމްރާނީ ގޮތުންވެސް ފޭދޫސްކޫލަކީ މިހާރު ފާހަގަ ކޮށްލެވޭ ވަރަށް ރަނގަޅު ފެންވަރެއްގައި ހުރި ސްކޫލެއް ކަމަށެވެ. އަދި އެއީ ތަޢުލީމީ ބިނާއެއްގެ ތެރޭގައި ހުންނަންޖެހޭ އަޚްލާޤާއި ސުލޫކު، މުދައްރިސުންނާއި މެނޭޖުމެންޓުގެ ތެރޭގައި ވެސް ހުންނަންވާ މިންގަނޑުތަކާއެކު ހުރި ނުހަނު ވަރުގަދަ އަސާސްތަކުގެ މަތީގައިވާ ރަނގަޅު ސްކޫލެއް ކަމުގައެވެ.
މިހައި ހިސާބުން ޢަލީމުޞްޠަފާ ބޭނުންފުޅުވެވަޑައިގަތީ އެބޭފުޅާ ފޭދޫސްކޫލުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެބޭފުޅާއަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަރާތްތަކުގެ މަތިން ހަނދުމަކޮށް ޝުކުރު އަދާކުރެއްވުމަށެވެ.
“އާދެ އަޅުގަނޑު މި ފުރުޞަތުގައި މި ހުރިހާ ކަމަކަށް ޝުކުރު ދަންނަވާލަން ބޭނުންވޭ ފޭދޫގެ ލޮބުވެތި ރައްޔިތުންނަށް. ފުރަތަމަ ފޭދޫސްކޫލާއި ޙަވާލުވި ދުވަހުން ފެއްޓިގެން މިއަދާ ހަމައަށްވެސް އެބޭފުޅުންވަނީ އަޅުގަނޑަށް ނުހަނު އިތުބާރު ކުރައްވާފައި. އަދި އެ އިތުބާރުގެ މައްޗަށް ބިނާވެ އެބޭފުޅުންވަނީ އަޅުގަނޑާއެކު އަޅުގަނޑު ދެންނެވި ކޮންމެ ކަމެއްގައި ބައިވެރިވެ ނުހަނު އިޚްލާސްތެރިކަމާ ޝައުޤުވެރިކަމާއެކު މަސައްކަތް ކުރައްވާފައި” ޢަލީމުޞްޠަފާ އުފަލާއެކު ފާހަގަ ކުރެއްވިއެވެ.
އަދި އިތުރަށް ވިދާޅުވީ އެންމެން ގުޅިގެން ކުރި މަސައްކަތުގައި ސްކޫލާއި ފޭދޫގެ ވިޔަފާރިވެރިންނާއެކު ނުހަނު ގާތް ގުޅުމެއް އުފެދި އެބޭފުޅުންގެ އެހީ އެކި ގޮތްގޮތުން ފޭދޫސްކޫލަށް ކެނޑިނޭޅި ލިބެމުން ދިޔަ ކަމަށެވެ. އަދި އެބޭފުޅުންގެ އެހީތެރިކަމާއެކު ފޭދޫސްކޫލް އައްޑު އަތޮޅުގައި ނެތް ފެންވަރުގެ މޮޅު ވަރުގަދަ ސްކޫލަކަށް ހެދިފައިވާ ކަމަށެވެ. އަމިއްލަ ޚާރަދުގައި ސާރވާރ ތައް ބެހެއްޓުމާ، އަމިއްލަ ޚަރަދުގައި އީ ލާރނިން ޕްލެޓް ފޯރމެއް ޤާއިމުކޮށް، ޚަރަދު ތަކެއް ކޮށްގެން ސްކޫލުގެ ދަރިވަރުންނަށް ވެބްސައިޓެއްގެ ޚިދުމަތް ދެވި، އެ ވެބްސައިޓުގައި ރާއްޖޭގައި ނެތް ފެންވަރުގައި ޚިދުމަތް ޤާއިމުވެސް ކުރެވިފައިވާ ކަމަށެވެ.
އަދި އެހެންކަމުން ބައެއް ވިޔަފާރިވެރިންގެ ނަން ފާހަގަކޮށްލަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ޝުކުރުގެ ލިސްޓު އިއްވަމުން ކުރިއަށް ވަޑައިގެންނެވިއެވެ. އެ ވާހަކަފުޅުތައް ހަމަ އެގޮތަށް ގެނެސްދެވޭތޯ އަޅުގަނޑު ބަލާނަމެވެ.
“ހެޕީމާކެޓަކީ އަޅުގަނޑު ފާހަގަކޮށްލާ އެއް ވިޔަފާރިއެއް. ހެޕީމާކެޓްގެ ވެރިޔާ މުޙައްމަދު ނަޢީމު ފޭދޫސްކޫލަށް ނުހަނު ބޮޑެތި ހޭދަތައް ކުރައްވައި އެހީތައް ވެދެއްވާފައިވޭ. ނަޢީމުއާ އަޅުގަނޑާ ފުރަތަމަ ބައްދަލުވި ދުވަހުވެސް ވިދާޅުވީ ސްކޫލުގެ ނަތީޖާ ނެރެދެއްވާށޭ. ބޭނުންފުޅުވަނީ ސްކޫލު ސްކޫލަކަށް ހައްދަވާށޭ. ބުނި ކޮންމެ ކަމެއް ކޮށްދެއްވާނަމޭ” ޕްރިންސިޕަލް ޢަލީ މުޞްޠަފާ ވިދާޅުވިއެވެ.
މިއަދާ ހަމައަށް އައި އިރުވެސް އެގޮތުގައި ނަޢީމު ހުންނެވިކަން ފާހަގަކޮށް ހެޕީމާކެޓް ނަޢީމުއަށް މުޞްޠަފާ ޝުކުރު އަދާ ކުރެއްވިއެވެ.
އަދި ވިދާޅުވީ ދެން ފާހަގަ ކުރައްވަން ބޭނުންފުޅުވަނީ ފޭދޫގެ ބޭފުޅެއް ކަމުގައިވާ އޭޑީޖީ އަޙުމަދު ދީދީގެ ސްކޫލަށް ވެދެއްވި އެހީތެރިކަމުގެ ވާހަކަ ކަމުގައެވެ. އެގޮތުން އަޙުމަދު ދީދީ އަމިއްލަފުޅަށް މުސާރަ ދެއްވައިގެން މެދު ކެނޑުމެއް ނެތި 5 އަހަރު ވަންދެން ފޭދޫސްކޫލުގެ ޚިދުމަތުގައި ޤުރްއާން މުދައްރިސަކު ބެހެއްޓެވި ކަމުގައެވެ. އަދި އެއި ޤުރުއާނުން ރަނގަޅު ނަތީޖާއެއް ނެރެން އެބޭފުޅުންނަށް ފަސޭހަތައް ލިބިގެންދިޔަ ކަމެއް ކަމުގައެވެ. އެހެންކަމުން ވެދެއްވި ދީލަތި އެހީފުޅަށްޓަކައި އަޙްމަދު ދީދީއަށްވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އެއަށްފަހު ފޭދޫދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމްދީދީ އަށްވެސް ޝުކުރުއަދާކުރެއްވިއެވެ.
“އެންމެބޮޑު އެއް އާރުކާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ފޭދޫ ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެމްބަރު އިބްރާހިމްދީދީ. އެބޭފުޅާވެސް ސްކޫލުގައި ހުރި ދަތި ކަންތައްތައް ޙާއްލުކުރެއްވުމަށް އެކި ގޮތްގޮތުން ބެލެނިވެރިންނާ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި. އެގޮތުން ސްކޫލުގެ އައު އިމާރާތް އެޅި ވަރަށް ގިނަ ކަންތައްތައް ޙައްލު ވެގެން ދިޔަ. އެހެންކަމުން އަޅުގަނޑު އިބްރާހިމްދީދީ އަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” މުސްޠަފާ ވިދާޅުވިއެވެ.
އަދި އައްޑޫ ސިޓީ ކައުންސިލުން ވެސް ފޭދޫސްކޫލަށް ނުހަނު ބޮޑު އެއްބާރުލުން ތަފާތު ގޮތްގޮތުން އެކި ފަހަރުމަތިން ދެއްވާފައިވާތީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤަށް ވެސް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމުގައި މުޞްޠަފާ ވިދާޅުވިއެވެ.
މުސްޠަފާ ހާމަކުރެއްވި ގޮތުގައި ފޭދޫ ކައުންސިލަރަކީ ވެސް ސްކޫލުގައި އަދި ޕީޓީއޭގައި އެބޭފުޅާއާއި އެކު ނުހަނު ގާތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ކައުންސިލްގެ ތެރެއިން ކުރަންޖެހޭ ކޮންމެ ކަމެއް ކޮށްދެއްވައި، ރަށުތެރެއިން އެޅޭ ކޮންމެ ހުރަހަކަށް ފިޔަވަޅު އެޅުއްވުމުގައި އަދި ދިމާވާ އެފަދަ ހުރަސް ތަކުގައި އަބަދުވެސް ސްކޫލުގެ ހިމާޔަތުގައި ހުންވާ ބޭފުޅެކެވެ.
އެހެންކަމުން ފޭދޫގެ ކައުންސިލަރު ޢަލީ ފަހުމީ އަޙްމަދަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ފާއިތުވި 8 އަހަރު ފޭދޫސްކޫލުގައި ޕްރިންސިޕަލްކަން ކުރެއްވި ޢަލީމުޞްޠަފާ ވަނީ ތަފާތު 4 ސަރުކާރެއްގެ ދަށުން ސްކޫލަށް ޚިދުމަތް ކުރައްވާފައެވެ.
އެގޮތުން ޢަލީމުޞްޠަފާ ފާހަގަ ކުރެއްވީ ސިޔާސީ ގޮތުން ފޭދޫއަށް އެޕޮއިންޓު ކުރެވޭ ހުރިހާ ބޭފުޅުންނަކީ ވެސް އޭރުވެސް މިހާރުވެސް ވަރަށް ރަށުވަންތަ ބޭފުޅުން ކަމުގައެވެ. އަދި މިހާރުގެ ފޭދޫގެ އިއްޒަތްތެރި މެމްބަރާއި އެކު މަސައްކަތް ކުރައްވަން ލިބުނު ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް ސްކޫލާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ކަމަށާއި މިހާރުވެސް ސްކޫލުގެ ކުރިއެރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަށްޓަކައި ފޭދޫގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ނިހާދަށް ޝުކުރު ދަންނަވަމުން ވިދާޅުވީ އެބޭފުޅާޔާ އެކުވެސް ފޭދޫސްކޫލަށް އާ އުސްމިންތަކަށް އަދިވެސް ދެވޭނެ ކަމާމެދު ޝައްކެތް ނުކުރައްވާ ކަމަށެވެ
.
ވަރަށް އަސަރާއެކު ފާއިތުވި ނުވަ ވަރަކަށް އަހަރު ފޭދޫގެ ރައްޔިތުންނާ އެކު ކުރެއްވި ތަޖުރިބާ ތަކުގެ ވާހަކަ ހިއްޞާކުރަމުން ވިދާޅުވީ
“އެއީ އަޅުގަނޑު ޢާއިލާއެއްގައި ހޭދަކުރި ދުވަސްތަކެއް ނޫން. އެހެން ނަމަވެސް ޢާއިލާއެއްގެ ތެރޭގައި އުޅެވުނު ފަދަ. އަމިއްލަ ރަށުގައި އުޅުންފަދަ. ބީރައްޓެއްސެއް ކަމުގެ އިޙުސާސެއްވެސް ނުކުރެވޭ. ރަށުގެ ރައްޔިތުން ނުހަނު ގާތްކަމެއް ބެހެއްޓެވި، ހެޔޮ އަވަށްޓެރިން އަޅުގަނޑަށް ލިބުނު. އެހެންކަމުން ބެހެއްޓެވި ގާތްކަމާއި ދެއްވި އިޙްތިރާމަށްޓަކައި އެންމެހައި ބޭފުޅުންނަށް ޚާއްޞަކޮށް އަޅުގަނޑުގެ އަވަށްޓެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” މިފަދައިންނެވެ.
އަދި ފޭދޫސްކޫލުގެ މުވައްޒަފުންނާއި ބެހޭގޮތުން ވިދާޅުވީ އެއީ ނަމޫނާ މުވައްޒަފުންތަކެއް ކަމަށާއި، ފޭދޫސްކޫލަށް ވަދެ ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުވެސް އެކަން އިހްސާސްކުރެވުނު ކަމަށެވެ. މުވައްޒަފުންގެ ޤާބިލުކަމާއި ކަންކަން ކުރުމުގައި އެބޭފުޅުން ވިސްނަވާ ގޮތާއި އެބޭފުޅުންގެ ބިނާކުރަނިވި ޚިޔާލުތައް ފުރަތަމަ ދުވަހު ފެނިވަޑައިގަތް މަންޒަރުތަކުން ވެސް ފާހަގަ ކުރެވުނު ކަމަށެވެ. އެހެންކަމުން އެބޭފުޅުންނާއެކު ވަރަށް ފުރިހަމަ ސްކޫލެއް ގާއިމު ކުރެވޭނެ ކަމުގައި ހަމަ އެދުވަހުވެސް އެއްވެސް ޝައްކެއް ނެތި ޤަބޫލުފުޅު ކުރެއްވި ކަމުގައެވެ. އަދި އެކަން ހަޤީޤަތަކަށް ވެގެންވެސް ދިޔައީ ކަމަށެވެ.
” ފޭދޫސްކޫލުގެ ގިނަ މުވައްޒަފުން ކޮށްފައިވާ ގިނަ މަސައްކަތަކީ މިއަދު އައްޑު އަތޮޅުގައި ފާހަގަކޮށްލެވޭ، ނަންކުރެވޭ، ގުނާލެވޭ، ބޮޑެތި މޮޅު މަސައްކަތްތަކެއް. ތަޢުލީމީގޮތުން ހޯދާފައިވާ އަރުތަ ތަކަކީ ހަމަގައިމުވެސް އެބޭފުޅުންގެ ނުހަނު ބުރަ މަސައްކަތްތަކުން ހޯދާފައިވާ ކާމިޔާބީތައް” މުސްޠަފާ ވިދާޅުވިއެވެ.
ފޭދޫސްކޫލުގެ މުވައްޒަފުންނާއެކު މަސައްކަތް ކުރި ކޮންމެ ދުވަހަކީ ވެސް ވަރަށް އުފަލާ ހިތްހަމަޖެހުމާ އެކު މަސައްކަތް ކުރެވުނު ދުވަހެއް ކަމުގައި ވިދާޅުވެ ފާހަގަ ކުރެއްވި އެންމެ ފަހަރަކުވެސް ފޭދޫސްކޫލުގައި ކުރެއްވި އެއްވެސް މަސައްކަތެއްގައި، މި ކުރާ މަސައްކަތަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރުމޭ ހިތްޕުޅަށް އަރައިވަޑައި ނުގަންނަވާ ކަމަށެވެ.
އަދި ފޭދޫސްކޫލުގެ މުވައްޒަފުންނާއެކު ވަރަށް ޝައުޤުވެރި ކަމާއެކު ހުރިހާ މަސައްކަތެއް ވެސް ކުރައްވާ ކަމަށާއި ދޭސީ އަދި ބިދޭސީ މުވައްޒަފުންނަކީ ވެސް ސްކޫލުދެކެ ނުހަނު ލޯބިވާ ސްކޫލުގެ ތަރައްޤީއަށް މަސައްކަތް ކުރާ، ދަރިވަރުންނަށް އަޅާލާ ވަރަށް ރަނގަޅު މުވައްޒަފުން ކަމުގައެވެ.
“އަޅުގަނޑު ޤަބޫލުކުރަނީ މިހާރު ފޭދޫސްކޫލުގައި އޮތް މެނޭޖުމެންޓާއި ސްޓަފުންނަކީ އެކުގައި ތިބެ މަސައްކަތް ކޮށްފި ކަމުގައި ވަނީނަމަ ފޭދޫސްކޫލަށް ވަރަށް ބޮޑެތި ކުރިއެރުންތައް މުސްތަޤުބަލުގައި ވެސް ލިބެމުން ދާނެޔޭ. އަޅުގަނޑުގެ ދުޢާއަކީ ފޭދޫސްކޫލަށާއި މުޅި ފޭދުއަށްވެސް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރެއްވުން.” ވަރަށް އަސަރާއި އެކު މުޞްޠަފާ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.
“އަޅުގަނޑު ފޭދޫސްކޫލް ދޫކޮށްފައި ދަނީ އެއްވެސް ހާލެއްގައި އެއްވެސް ފަރާތެއްގެ އުނދަގުލެއް، ދުއްތުރާލެއް ފޯރައިގެނެއް ނޫން. އަދި ބަޔަކު އަޅުގަނޑު އެތަނުން ބޭރުކުރަން އުޅެގެނެއްވެސް ނޫން. ނަމަވެސް އަޅުގަނޑުގެ އަމިއްލަ ސަބަބުތަކަށްޓަކައި މިއަދު އަޅުގަނޑު ފޭދޫސްކޫލުން ނުކުންނަނީ ހިތާމަކުރާ ހާލުގައި. ފޭދޫސްކޫލު ދޫކޮށް ދާންޖެހޭތީ. އެހެން ނަމަވެސް ނުހަނު އުފަލާއެކު ނުހަނު އިޙްތިރާމާއެކު ފޭދޫސްކޫލުގައި އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން. ފޭދޫގެ އެންމެހާ ރައްޔިތުންނަށް ހިތުގެ އެންމެ ފުން މިނުން ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުން ، ފޭދޫސްކޫލުގައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމުން.”
އާދެ ޕްރިންސިޕަލް ޢަލީ މުސްޠަފާގެ ހިތްޕުޅުގައި ފޭދޫސްކޫލަށާއި ފޭދޫގެ ރައްޔިތުންނަށްޓަކައި އޮތް ލޯތްބާއި އިޙްތިރާމު އަޅުގަނޑަށް ފެނުނު ކަހަލައެވެ. އެބޭފުޅާގެ މަޑުމޮޅިކަމާއި މޫނުމަތީގެ އަސަރުތަކުން ހަމަ ހަޤީޤަގުތުގައިވެސް ސްކޫލު ދޫކޮށްލައްވާފައި ވަޑައިގަންނަވަނީ ހިތާމަފުޅު ކުރައްވާ ހާލުގައި ކަން ވަރަށް ރަނގަޅަށްވެސް ހާމަވެގެން ދިޔައެވެ.
ޕްރިންސިޕަލް ޢަލީ މުސްޠަފާގެ ދައުރުގައި ފޭދޫސްކޫލުން އޭއޯ ނިއުސް އާއި އެކު ބެހެއްޓެވި ގާތްކަމާއި އެކުވެރި ކަމަށްޓަކައި އަދި މި މަޢުލޫމާތު އަޅުގަނޑުމެންނާ އެކު ހިއްޞާ ކުރެއްވި ކަމަށްޓަކައި ޢަލީ މުޞްޠަފާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އަދި ފޭދޫ ސްކޫލަށް އަދަށްވުރެ ފަހި މާދަމާއެއް ދެއްކެވުން އެދި ދުޢާ ކުރަމެވެ.