English Edition
Dhivehi Edition
ފޭދޫސްކޫލުގެ އައު އިމާރާތް ޙަވާލުކުރުމުގެ ރަސްމިއްޔާތު، ފޮޓޯ: ފޭދޫސްކޫލް

އަމީންކޮންސްޓްރަކްޝަން ކުންފުނިން ކުރަމުންދިޔަ ފޭދޫސްކޫލުގެ އައު އިމާރާތުގެ މަސައްކަތްނިމި، އެޑިއުކޭޝަން މިނިސްޓްރީއާއި އިމާރާތް ރަސްމީގޮތުން ޙަވާލުކޮށްފިއެވެ.

އެ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެގެ މެންދުރު 12:45ގައި ފޭދޫސްކޫލުގެ އައު އިމާރާތުގެ ހޯލުގައެވެ.

ފޭދޫސްކޫލުގެ އައު އިމާރާތާއި ޙަވާލުވެ ސޮއި ކުރައްވަނީ ފޮޓޯ: ފޭދޫސްކޫލް

އިއްޔެގަ ބޭއްވުނު މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީއާއި އިމާރާތް ޙަވާކުރެވުނު ލިޔުމުގައި އަމީންކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސިވިލް އެންޖިނިއަރ މރ.ޕާންޑިއަން އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އިމާރާތާއި ޙަވާލުވެ ސޮއި ކުރެއްވީ އިރުޝާދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ނާސިރެވެ. އަދި ފޭދޫސްކޫލުގެ ފާރާތުން އިމާރާތާއި ޙަވާލުވެ ސޮއިކުރެއްވީ ފޭދޫސްކޫލުގެ ޕްރިންސިޕަލް ޢަލީ މުސްތަފާއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޭދޫސްކޫލުގެ ޕްރިންސިޕަލް ޢަލީ މުސްތަފާ ވިދާޅުވީ ފޭދޫސްކޫލުގެ އައު އިމާރާތް ނިމުމާއި އެކު މިއަހަރު އެ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުވެގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްކޫލުގެ ދަރިވަރުންނަށް މަންފާލިބި، ބެލެނިވެރިންނާއި ޓީޗަރުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

އައްޑޫގެ ބައެއް ސްކޫލުތަކުގެ އިސްވެރިންނާއި ފޭދޫސްކޫލްގެ ޕީޓީއޭގެ މެމްބަރުންނާއި، ޓީޗަރުންނާއި އިދާރީ މުވައްޒަފުންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ (އައިބީ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ ފޭދޫސްކޫލުގެ އައު އިމާރާތުގެ މަޝްރޫޢަކީ ރައީސް ޔާމީނުގެ ދައުރުގައި ފޭދޫގެ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ރަށުގެ ތަރައްޤީއައްޓަކައި ކުރެވިފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި ސަރުކާރުގައިވެސް ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްފިނަމަ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރަށަށް އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދައިދެވޭނެ ކަމަށް ޤަބޫލުކުރައްވާކަމުގައެވެ.

އައިބީގެ ވާހަކަފުޅުގައި އަމީން ކޮންސްޓްރަކްޝަނުން މެދުކެނޑުމެއްނެތި މަސައްކަތް ކުރިއަށް ގެންގޮސް، ސްކޫލުގެ އައު އިމާރާތު މަސައްކަތް ނިންމާފައިވާތީ އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުންދިޔައިރު ސްކޫލުގައި ކިޔެވުން އޮތުމުގެ ސަބަބުން މަސައްކަތް ކުރުމުގައި ކުންފުންޏަށް ދިމާވި ދަތިތަކާއި އެކުވެސް ސްކޫލުގެ ކިޔަވައިދިނުމަށް ދަތި ނުވާގޮތަށް ކުންފުނިން މަސައްކަތް ކުރިއަށް ގެންދެވިކަން ފާހަގަކުރައްވައި އެކުންފުންޏަށް ޝުކުރުއަދާކުރެއްވިއެވެ.

ފޭދޫސްކޫލުގެ އައު އިމާރާތާއި އެޑިއުކޭޝަނުން ޙަވާލުވިއިރު އިމާރާތުގެ ނުނިމިހުރި ބައެއް ކުދި ކުދި މަސައްކަތް އަދިވެސް ހުރި ކަމަށާއި ނަމަވެސް އެއީ އިމާރާތުގައި ދަރިވަރުން ކިޔަވަމުން ދިޔަ ކަމުގައިވިޔަސް ކިޔަވައިދިނުމަށް ދަތިނުވާގޮތަށް ނިންމާލެވޭފަދަ ކުދި ކުދި މަސައްކަތް ކަމަށާއި، އެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާދޭނެ ކަމަށް އަމީންކޮންސްޓްރަކްޝަނުން އެއްބަސްވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފޭދޫސްކޫލުގެ އައު އިމާރާތާއި އެޑިއުކޭޝަނުން ޙަވާލުވެފައިމިވަނީ ދިރާސީ އައު އަހަރު ފެށުމަށް އެންމެ ދެދުވަހަށް ވެފައި ވަނިކޮށެވެ. ކުރިއަށް އޮތް އާދިއްތަދުވަހު، ސްކޫލުތަކުގައި 2019ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔަވައިދިނުން ރަސްމީކޮށް ފެށުމަށްވަނީ ހަމަޖެހިފައެވެ.