English Edition
Dhivehi Edition

ފޭދޫ ސްކޫލުގެ ޕްރިންސިޕަލަކަށް ސ.ފޭދޫ ދުންފިނިގެ އަހްމަދު މިހާދު (މިހާދު ސާރ ) ހަމަޖެހި، މިދިޔަ އާދީއްތަ ދުވަހު ވަނީ ސްކޫލަށް ނިކުންނަވާފައެވެ.

މަޝްހޫރު ނަމުންނަމަ މިހާދު އަކީ، މީގެ ކުރިންވެސް ފޭދޫސްކޫލްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން ފޭދޫގައި ދިރިއުޅުއްވާފޭދޫގެ މުޖްތަމައަށް ވަރަށް ފަރިތަ ބޭފުޅެކެވެ.

ފޭދޫސްކޫލަށް މިހާދު ބަދަލު ކުރެވުނު އިރު މަސައްކަތް ކުރައްވަމުންގެންދަވަނީ އައްޑޫ ހައި ސްކޫލްގެ ޑިޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައެވެ. އަދި މިހާދު އަކީ، ކިޔަވައި ދިނުމުގެ ދާއިރާ އާއި ހިންގުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ތަޢުލީމީ ޤާބިލު ބޭފުޅެކެވެ.

ފާއިތުވި 09 އަހަރުން ފޭދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވީ، ޢަލީ މުސްޠަފާ މިދިޔަ އަހަރު ނޮވެމްބަރު މަހު އެ މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެން ގިނަ ބެލެނެވެރިންނަށް ލިބުނީ ވަރަށް ބޮޑު މާޔޫސްކަމެކެވެ. . އަލީ މުސްތަފާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލަާއި ގުޅިވަޑައި ގެންފައެވެ. އަދި ފޭދޫސްކޫލްގެ ޑިޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި ޝަފީޤާވެސް ވަނީ މިދިޔަ މަހު މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.ޢަލީ މުޞްޠަފާގެ މެނޭޖްމަންޓްގެ ދަށުން ފޭދޫސްކޫލަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާއިރު ބެލެނެވެރިންގެ އުއްމީދަކީ މިހާދުގެ މެނޭޖްމެންޓްގެ ދަށުންވެސް ފޭދޫ ސްކޫލަށް އިތުރު ކާމިޔާބާއި ކުރިއެރުން ލިބުމެވެ.

ފޭދޫސްކޫލްގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ އަދަދު ފަސްސަތޭކައަށްބުރެ މަތީގައި އުޅޭއިރު އެއްސެޝަނަށް ހިންގަމުންދާ ފޭދޫސްކޫލްގެ ކޮންމެ ގްރޭޑެއްގައި ދެކްލާސް އޮވެއެވެ. ކޮންމެ ކްލާހެއްގައި ފަންސަވީހާއި ތިރީހާއި ދެމެދުގެ ޢަދަދަކަށް ކުދިން ތިބޭއިރު މިހާރުގެ ވަށާ ޖެހޭ ތަޢުލީމުގެ ސިޔާސަތަށް ޢަމަލު ކުރާ އިރު، އެއަމާޒަށް ވާޞިލުވުމަށް ސްކޫލްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކްލާސް ތަކުގައި ކުދިންގެ ޢަދަދު ގިނަވުމެވެ. އަދި މިއީ، ބެލެނިވެރިންވެސް އަބަދު ވެސް ކުރާ ޝަކުވާއެކެވެ. ނަމަވެސް ސްކޫލްގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމާއި އެކު މިކަމަށް ވަނީ އަދި އެދެވޭ ޙައްލެއް ނުލިބިފައެވެ.

މިހާދު ސާރގެ މޭސްތިރިކަމުގެ ދަށުގައި ފޭދޫސްކޫލަށް ބާއްޖަވެރި އަލި ދުވަސްތަކެއް ލިބުމަށް އެދެމެވެ.