English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ އަވަށުގައި ސްވިމިންގ ޕްލެޓްފޯރމެއް އެޅުމަށް މިނިސްޓްރީ އޮފް ފިނޭންސުން މިއަދު ޓެންޑަރ ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރ ބޯރޑުން މިއަދު ޓެންޑަރ ކުރެވުނު ގިނަ ޕްރެޖެކްޓް ތަކުގެ ތެރޭގައި ފޭދޫގައި އެޅުމަށް ހަމަޖެހިފައިވާ ސްވިމިންގ ޕްލެޓް ފޯރމް ވެސް ވަނީ ހިމެނިފައެވެ.

މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް ކޮމިއުނިޓީން ހުށަހެޅި ޕްރޮޖެކްޓެކެވެ. ސްވިމިން އެސޯސިއޭޝަނާއި މިއަދު ޙަވާލްކުރެވުނު މި ޕްލެޓް ފޯރމްގެ ޓެންޑަރ މުއްދަތަކީ 45 ދުވަހެވެ. މި ޕްރޮޖެކްޓްގެ އަގަކީ 763,700.63 ރުފިޔާއެވެ.

އައްޑޫސިޓީއަކީ އާބާދީގެ ގޮތުން އެއްމެ ބޮޑު އެއްސިޓީ ކަމަށް ވީނަމަވެސްމިހާތަނަށް އައްޑޫގައި އަޅާފައިވަނީ އެންމެ 3 ސްވިމިންގ ޕްލެޓްފޯރމެވެ.

ފާއިތުވި 4 އަހަރުއްސުރެންފެށިގެން މިސިޓީގައި އިންޓަރ ސްކޫލް ފެތުމުގެ މުބާރާތްތަކާއި، ސްވިމިންގ ފެސްޓިވަލްތައް ދަނީ ބޭއްވެމުންނެވެ. ނަމަވެސް ފަތަން ބޭނުންވާ ދަރިވަރުންނާއި އަދި ޢާއްމުންނަށް ދިމާވާ އެއްމެ ބޮޑު އެއްދަތްޗަކީ ޕްރެކްޓިސްކުރާނެ ތަނެއް ނެތުމެވެ. ފޭދޫގެ ދަރިވަރުން ދާންޖެހެނީ މަރަދޫ ނުވަތަ ހިތަދޫގެ ސްވިމިން ޓްރެކަށެވެ.

މިއަދު ޓެންޑަރ ކުރެވުނު ޕްލެޓްފޯރމް ގެ މަސައްކަތް ނިމި ދަރިވަރުންނާއި ޢާއްމުންނަށް ރައްކާތެރި ގޮތަކަށް ޤާއިމްކުރެވިއްޖެނަމަ މިއީ ގިނަގުނަ ފަސޭހަ ތަކެއް ލިބިގެންދާނެ ކަމެކެވެ.

ސްވިމިންގ ޕްލެޓްފޯމް މިއަދު ޓެންޑަރ ކުރެވިފައިވާއިރު ޔޫތްމިނިސްޓަރ އަޙްމަދު މަޙްލޫފް އައްޑޫސިޓީއަށް ކުރެއްވި ޒިޔާރަތުގައި ފޭދޫސްކޫލަށް ވަޑައިގެންނެވުމުން ސްކޫލްގެ ބެލެނިވެރިންވަނީ ފޭދޫގައި ސްވިމިންގ ޕްލެޓްފޯރމެއް އަޅައި ދެއްވުމަށް މިނިސްޓަރ އަރިހު އެދިފައެވެ.