English Edition
Dhivehi Edition

ރާއްޖޭގައި ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި މަސައްކަތް ކުރަމުން އައި ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ޖަމިއްޔާތަކުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެން އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާޢިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ހުރިކަމަށާއި، އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެމައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ.

“1/2003 (ޖަމިއްޔާތަކާބެހޭ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމައި، އެކަން 05 ނޮވެމްބަރ 2019 ދުވަހު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް އަށް ވަނީ އެންގިފައެވެ.”، އެ އިއުލާނުގައި ވެއެވެ.

އަދި އެމްޑީއެން އުވާލުމަށްޓަކައި އެޖަމިއްޔާގެ ދަރަންޏާ މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް، ޖަމިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް އެޖަމިއްޔާއަށް ދީފައިވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.