ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކުރަން ޖޭއެސްސީ އިން ނިންމައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް އިއްވުމަށް މިއަދަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ވެސް ވަނީ އެ މައްސަލަ ބައްލަވާ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން ކެންސަލް ކޮށްފައެވެ.
ހައިލަމް ސަސްޕެންޑްކޮށްފައި މިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށްޓަކައި ކްރިމިނަލް ކޯޓުގެ ރިކްރިއޭޝަން ކްލަބްގެ ވައިބާރ ގުރޫޕަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް ލުމާއި ގުޅިގެންނެވެ. ހައިލަމް ވައިބާރ ގުރޫޕުގައި ހިއްސާކުރި ފޮޓޯ ލީކުވުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންވަނީ އިއްޔެ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައެވެ. އަދި އެ މައްސަލަ ބެލުމަށް މިއަދު ޖޭއެސްސީއަށް ހާޒިރުވަމަށް އަންގާފައިވާއިރު ހައިލަމް ޖޭއެސްސީ އަށް ހާޒިރުވެ ވަަޑައިގަތް ކަމެއް އަދި އެގިފައެއް ނުވެއެވެ
މި މައްސަލަ އާއި ގުޅިގެން ރޭ ހައިލަމް ވިދާޅުވީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ލީ ފޮޓޯގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްވާ ކުރެހުމެއް ހުރިކަން ނޭނގޭކަމަށެވެ. މީގެ އިތުރުން ހައިލަމްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ