English Edition
Dhivehi Edition

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރު ކުރާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އިދިކޮޅު މެންބަރުން އަޑު ގަދަކޮށް މަޖިލިސް ހުއްޓުމަކަށް ގެނެސްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި ސުވާލު ކުރުން ކުރިއަށް ދަނިކޮށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވިދާޅުވީ މިއަދު ކޯޓުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރުވުމަށް މަޖިލީހުގެ ރައީސް އާއި ޖޭއެސްސީގައި ހިމެނޭ މަޖިލިސް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިއަދު ހެނދުނު “ނަޝީދު ބޭން ޖަހާފައި” ސުޕްރީމް ކޯޓަށް ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯއެއްގެ ވާހަކަ ވިދާޅުވެ ސައީދު ވިދާޅުވީ ސުޕްރީމް ކޯޓަށް މަޖިލީހުގެ ރައީސް އެ ވަޑައިގަތީ ރައީސް ޔާމީންގެ ހުކުމަށް ވަކިގޮތަކަށް ބާރުފޯރުވައި ނުފޫޒު ފޯރުވުމަށްކަމަށާއި އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމެއް ނެތްކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސައީދު ނެންގެވީ ނިޒާމީ ނުކުތާއެއް ނޫން ކަމުގައި ވިދާޅުވުމުން އިދިކޮޅު މެންބަރުން ވަނީ ކޮއްޅަށް ތެދުވެވަޑައިގަތް އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ. އަދި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ވަނީ އެ މެންބަރުންނަށް ރައްދު ދެއްވައި އަޑުގަދަ ކުރައްވާފައެވެ.

ޔާމީންގެ މައްޗަށް ޙުކުމް ކުރުން މިއަދު 13:00 އަށް ތާވަލް ކޮށްފައި ވަނިކޮށް ޔާމީންގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަން ވަނީ ނިންމާފައެވެ. މި ކަމާއި ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ މިއީ ޝަރީއަތަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ޝަރީއަތް އަބުރާލުމުގެ ބޭނުމުގައި ސަރުކާރުން ރާވައިގެން ހިންގަމުންދާ ކަމެއް ކަމަށެވެ.