ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް (CCRC Ekuveringe Dharubaaru) ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ލީ ފޮޓޯގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްވާ ކުރެހުމެއް ހުރިކަން ނޭނގޭކަމަށް ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް ވިދާޅުވީ އޭނާއަށް އެކަން ނޭނގޭ ކަމަށާއި އެކަމަށްޓަކައި ރައީސް ސޯލިހާއި ރައީސް ނަޝީދާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށެވެ.
ވައިބާ އަށް ޤާޒީ ހައިލަމް އެ ފޮޓޯ ލުމުން އެ ކޮންވަޒޭޝަން ގެ ސްކްރީންޝޮޓެއް މީސްމީޑިޔާގައި ލީކުވިއެވެ. އަދި ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ވަނީ ޤާޒީ ހައިލަމް ގެ މި މައްސަލަ ބައްލަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
“މިއަދު ބޭއްވުނު ކޮމިޝަންގެ ކުއްލި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުލްﷲ ޣާރިގެވެ. މި ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއްގައި (CCRC Ekuveringe Dharubaaru) ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ޖަހާފައިވާ ޕޯސްޓާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އަޙްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަޙްޤީޤު ކޮމިޓީ އެކުލަވައިލެވުނެވެ. ކޮމިޝަނުން މިހެން ނިންމީ، މިއަމަލަކީ ސާބިތުވެއްޖެނަމަ، ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ވާނެ މައްސަލައަކަށް ވާތީ އެވެ.” ޖޭއެސްސީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.