މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ ކޮންމެ ސަރުކާރެއްގައި ވެސް ރާއްޖޭގެ ޖުޑިޝަރީ ހަލާކުކޮށްލާ ކަމަށް އިދިކޮޅުން މިއަދު ބޭއްވި ޖަލްސާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް އަހްމަދު ހައިލަމްގެ އަބުރު، އެމްޑީޕީން ކަތިލީ އެއްވެސް ބަލައިލުމެއް ނެތި ކަމަށެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) މިހާރު ވަނީ ޤާޒީ ހައިލަމް ގެ ސުލޫކީ މައްސަލަ ބައްލަވަން ނިންމާފައެވެ. ހައިލަމްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަނީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަށް ލާފައިވާ ފޮޓޯއެއްގެ މައްސަލައެވެ. އެ ފޮޓޯގައި ފެނިގެން ދަނީ ނޮވެމްބަރު 3 ގެ ޚާއިނުންނާއި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު އަޅުއްވައިގެން ޝަހީދު ހުސެއިން އާދަމް ހިންގަވާ މަންޒަރެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއީ ހައިލަމްގެ އަބުރުފުޅު ކަނޑުވާލަން ބަޔަކު ހައިލަމްގެ ނަމުގައި ކުރި ކަމެއް ކަމަށެވެ. އަދި އެކަން ބެލެވޭނެ ދުވަހެއް އަންނާނެ ކަމަށާއި އިންސާފު ގާއިމުވާތަން އަވަހަށް ފެންނާނެ ކަމަށެވެ.
“ނޮވެމްބަރު ފަހެއް ވެގެން ދާނީ ރައީސް ޔާމީންގެ އިއްޒަތާއި ގަދަރު ރާއްޖޭގެ މެދު އުޑުގައި ފިޔަ ޖަހައިގެންދާ ދުވަހަކަށް އެ ޔަގީން ކަމުގައި މިތިބީ،” އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.