English Edition
Dhivehi Edition

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަން ސަރުކާރުން ވައުދުވެފައިވާ 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށުމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅަމުން ފިނޭންސް މިނިސްޓްރ ވިދާޅުވީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމާއެކު ދިވެހި ރައްޔިތުންގެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް،އަންނަ އަހަރުގެ ބަޖެޓްގައި 20،000 ހައުސިން ޔުނިޓް އެޅުމަށް600 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

މީގެ އިތުރުން މިހާރު ހިނގަމުންދާ ހައުސިން މަޝްރޫޢުތަކަށް ވެސް ވަނީ ވަކިން 359 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައިވާ ހައުސިން ޔުނިޓްތައް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 2020 ވަަނަ އަހަރުގެ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ބޯހިޔާވަހިކަމަށް 1.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.