އަންނަ އަހަރަށް ލަފާކުރާ 37.8 ބިލިއަން ރުފިޔާގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބަޖެޓް ފާސްކުރީ 77 މެންބަރުންގެ ވޯޓުންނެވެ.މިބަޖެޓާއި ދެކޮޅަށް މިއަދު ވޯޓު ދެއްވާފައިވާ ހަމައެކަނި މެންބަރަކީ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް ކޮމިޓީ މަރުހަލާގައި، ސަރުކާރުގެ ޚަރަދުތަކާއި ޕީއެސްއައިޕީ މަޝްރޫތަކަށް އެބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކުރަން ފާސްކޮށްފައިވެއެވެ.
ބަޖެޓަށް އިތުރުކުރި ޢަދަދަށް ފައިނޭންސް ހޯދުމަށް ހަމަޖެހިފައިވަނީ ޓީބިލް ވިއްކައިގެންނެވެ. އެހެންކަމުން 929 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ޖެހޭނެ އެވެ. މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 3 ބިލިއަންގެ ޓީބިލް ވިއްކާފަ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާއެކު، ބަޖެޓް ޑެފިސިޓް ވަނީ 5.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ޓީބިލްގެ އިތުރުން ޑެފިސިޓްގެ ފައިސާ ހޯދަން ޖަޕާނު މާކެޓަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓް ވަނީ މައިގަނޑު 8 ދާއިރާއަކަށް ބަހާލެވިފައެވެ. އޭގެ ތެރޭގައި ސިއްޙީ ޚިދުމަތް ފުޅާކުރުމަށް 4108 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބަޖެޓްގެ ބޮޑުބައެއް އިޤްތިޞާދީ އަދި ޞިނާޢީ ކަންތައްތަކަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވެއެވެ.އެއީ 7912 މިލިއަން ރުފިޔާ އެވެ. މިބަޖެޓްގައި ވަނީ 4412 މިލިއަން ރުފިޔާ ތަޢުލީމީ ކަންކަމަށް ޚަރަދު ކުރުމަށް ހިމަނާފައެވެ. މީގެ އިތުރުން އެދޮރު ޢިމާރާތް ކުރުމާއި ޖަމާޢަތުގެ ފައިދާއަށްޓަކައި 3111 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އިޖްތިމާޢީ ރައްކާތެރި ކަމަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ 3991 މިލިއަން ރުފިޔާއެވެ.
ތިމާވެށިރައްކާތެރި ކުރުމަށް ބަޖެޓްގައި ކަނޑައެޅިފައިވަނީ 1798 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ދިފާޢީ ކަންކަން ބެލެހެއްޓުމާއި ޢަދުލު އިންސާފު ޤާއިމް ކުރުމަށް 2943 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު ރައްޔިތުންނަށް ދެވޭ ޢާއްމު ޚިދުމަތާއި އިޖްތިމާޢީ އަދި ދީނީ ޚިދުމަތަށް 7737 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ.
2020 ވަނަ އަހަރުގެ ބަޖެޓްވެގެންދާނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭ ހިމެނޭ ޖަޒީރާ ރާއްޖެ މެނިފެސްޓޯ ތަންފީޒު ކުރުމަށް މަގުފަހި ވެގެންދާނެ ތަނަވަސް ބަޖެޓަކަށެވެ.