އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
2020 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓް ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ބަޖެޓަކަށްކަމަށެވެ.
އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 35.6 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ޚަރަދުގެ 59 ޕަސެންޓެވެ. މީގެ އިތުރުން ޕީއެސްއައިޕީ އަށް 10.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.
ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާ އެވެ. ޢާމްދަނީގެ ގޮތުގައި އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. އަންނަ އަހަރު ޓެކްސްގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 5.7 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 5.8 އިންސައްތަ އެވެ. ޑެފިސިޓް ފޫބައްދަން ނިންމާފައި ވަނީ އެތެރެ އާއި ބޭރުގެ ފަރާތްތަކަށް ޓީ-ބިލާއި ޓީ-ބޮންޑް އަދި ބޭރުން ލޯނު ނަގައިގެން އެވެ.
މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ޙިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.9 ބިލިއަން ރުފިޔާކަމަށެވެ.