English Edition
Dhivehi Edition
މިރޭ ބޭއްވި އެއްވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ

“ބަޑި ބުރާސްފަތި”ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ދޫކޮށްލައިފި އެވެ.

ފުލުހުންނާއި ހަވާލާދީ “އަވަސް” އިން ރިޕޯޓުކުރާ ގޮތުގައި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހުރިހާ މީހުންވެސް މިހާރު ދޫކޮށްލާފައިވާއިރު، އެމީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުން ނެވެ.

ނަސްރުގެ ދުވަހާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ޑީއާރުޕީގެ ރަޖިސްޓްރާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި ޕީއެންސީގެ ކައުންސިލްގައި ހިމެނޭ ނަބީލް ޒަމީލާއި، ޝަހީދު އިބްރާހިމްގެ އިތުރުން ހުސައިން ޝިފާޒް އަދި ޝަހީބް އިބްރާހިމް ވެސް ހިމެނެއެވެ.

އިދިކޮޅު ފަރާތްތަކުގެ މި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތްކޮށްފައި ވަނީ މިރޭ 20:30 ހާއިރު ޕީޕީއެމް އޮފީސް ކުރިމައްޗަށް މީހުން ޖަމާވާން ފެށުމާއެކު، އެ ސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދެއް ކަމަށް އިއުލާން ކުރުމަށްފަހު އެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާއި ގުޅިގެން ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެއްވުމެއް ބާއްވަން ކާނިވާ ސަރަޙައްދު ދޫކުރުމަށް އިދިކޮޅު ފަރާތްތަކުން އެދުނު ނަމަވެސް، މިރެއަށް އެ ސަރަޙައްދު އެހެން ފަރާތަކަށް ދޫކޮށްފައިވާތީ އެއްވުން ބޭއްވުން ކާނިވާ ދޫކުރެވެން ނެތް ކަމަށް ހައުސިންގ މިނިސްޓްރީ އިން އަންގާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ނިންމީ އެއްވުން ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވުމަށެވެ.

އިދިކޮޅު ކޯލިޝަނުން އެގޮތަށް ނިންމުމާއެކު ފުލުހުންގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން އެއްވުންތައް ކުރިއަށް ގެންދިއުމުގައި ޤާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.