English Edition
Dhivehi Edition
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (މުހައްމަދު ޝަކީލް)

ނަސްރުގެ ދުވަހާއި ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން “ބަޑި ބުރާސްފަތި”ގެ ނަމުގައި މިރޭ ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

“އަވަސް” ނޫހުން ރިޕޯޓްކުރާ ގޮތުގައި މިހާތަނަށް އެ އެއްވުމުގެ ތެރެއިން 10 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އެގޮތުން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ޑީއާރުޕީގެ ރަޖިސްޓްރާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި ޕީއެންސީގެ ކައުންސިލްގައި ހިމެނޭ ނަބީލް ޒަމީލާއި، ޝަހީދު އިބްރާހިމްގެ އިތުރުން ހުސައިން ޝިފާޒް އަދި ޝަހީބް އިބްރާހިމް ވެސް ހިމެނެއެވެ.

އިދިކޮޅު ފަރާތްތަކުގެ މި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތްކޮށްފައި ވަނީ މިރޭ 20:30 ހާއިރު ޕީޕީއެމް އޮފީސް ކުރިމައްޗަށް މީހުން ޖަމާވާން ފެށުމާއެކު، އެ ސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދެއް ކަމަށް އިއުލާން ކުރުމަށްފަހު އެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާއި ގުޅިގެން ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެއްވުމެއް ބާއްވަން ކާނިވާ ސަރަޙައްދު ދޫކުރުމަށް އިދިކޮޅު ފަރާތްތަކުން އެދުނު ނަމަވެސް، މިރެއަށް އެ ސަރަޙައްދު ދޫކުރެވެން ނެތް ކަމަށް ހައުސިންގ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ނިންމީ އެއްވުން ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވުމަށެވެ.

އިދިކޮޅު ކޯލިޝަނުން އެގޮތަށް ނިންމުމާއެކު ފުލުހުންގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންކަމުން އެއްވުންތައް ކުރިއަށް ގެންދިއުމުގައި ޤާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.