English Edition
Dhivehi Edition

ރައްކަތެރި މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ބުނެ ފުލުހަށް ހާޒިރުވާން އުޒުރުވެރިކަމުގައި ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރުން ޝަހިންދާ އާއި އަޒްރާ ތަހުޤީގަށް ފުލުހަށް ހާޒިރުވުމަށްވަނީ ދެ ހަފްތާގެ މުއްދަތެއް ދީފައެވެ. ރާއްޖެއިން ބޭރުގައި މި ވަގުތު ތިބި މި ދެމީހުންނަށް ވެސް ފުލުހަށް ހާޒިރުވުމުގެ ޗިޓްލިބިފައިވާއިރު ރާއްޖޭގައި އެ މީހުންނަށް ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތްކަމަށްބުނެ ފުލުހުންގެ ތަހުޤީގަށް ހާޒިރުވުމަށް ދެމީހުންވެސްވަނީ އިންކާރުކޮށްފައެވެ.

އެމްޑީއެން އިން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ޝަހިންދާއަށް ބައެއް މީހުން ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދީފައިވާކަމަށްވެސް މީގެ ކުރިން ޝަހިންދާވަނީ ބުނެފައެވެ. އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ސަރުކާރަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އެމްޑީއެން އުވާލުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.