English Edition
Dhivehi Edition
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ފޭކު އީމެއިލްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އަންގައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ނަމުގައި އާންމުންނަށް ފިޝިންގ (ފޭކު) އީމެއިލްތަކެއް ފޮނުވަމުން އަންނަ ކަމަށެވެ. އެ އީމެއިލްތަކުގައި ބުނެފައި ވަނީ އެއީ އެ ބޭންކްގެ ރޫޓީން ސެކިއުރިޓީ ޗެކެއް ކަމަށާއި، އިންޓަނެޓު ބޭންކިންގ އެކައުންޓް އޮތެންޓިކޭޓް ކުރުމަށް ލިންކަކަށް ދިއުމަށެވެ.

މި މައްސަލައާއި ގުޅިގެން ބީއެމްއެލް އިން ބުނީ ބޭންކް އެކައުންޓް ނުވަތަ އިންޓަނެޓު ބޭންކިންގ އެކައުންޓު ވެރިފައި ކުރުމަށް އެދި އެ ބޭންކުން އެއްވެސް ފަރާތަކަށް އީމެއިލެއް ނުކުރާނެ ކަމަށާއި، އެއީ ފޭކު އީމެއިލްތަކެއް ކަމަށެވެ.

މީގެކުރިންވެސް ބީއެމްއެލްގެ ނަމުގައި އެކައުންޓު ވެރިފައި ކުރުމަށް އެދި އެފަދަ ފޭކު އީމެއިލްތަކެއް ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ކަސްޓަމަރުންނަށް އޮޅުވާލައިގެން ވައްކަން ކުރަން މަސައްކަތް ކުރުމުގެ މިފަދަ މައްސަލަތައް އާންމުވެފައިވާއިރު، ބީއެމްއެލް އިން ދަނީ އެކަންކަމާމެދު އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.