English Edition
Dhivehi Edition

ތަރައްގީ އަކީ މަގެއް ހެދުން ނުވަތަ ބޮޑު އިމާރާތެއް އެޅުން ނޫން ކަމަށާއި ތަރައްގީ އަކީ ރައްޔިތުންގެ ޖީބަށް އިތުރުވާ އަދަދާއި އާންމު ދިރިއުޅުމަށް ގެނެވޭ ބަދަލާއި އަމިއްލަ އަށް ހޯދާ ތަނަވަސްކަން ކަމުގައި ރައްޔަތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ދެކުނުގެ ރަށްތަކުގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން ގއ. ވިލިނގިލީގައި ބާއްވާ މަހާސިންތާ ފައްޓަވައިދެއްވުމަށް ފަހު ވިޔަފާރި އާއި ބެހޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

19 ވަނަ މަޖިލިހުން ރައްޔިތުންނަށް ތަރައްޤީގެ ފުރުސަތު ހޯދައިދޭނެ ކަމަށް ވިދާޅުވެ ނަޝީދުވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. “ރަށްރަށުގެ ކައުންސިލްތަކުގެ މިލްކިއްޔާތަށް ރަށްތަކުގައިވާ ހުރިހާ އުފުލޭ އަދި ނުއުފުލޭ މުދަލެއް ބަދަލުވެ، އެތަކެތީގެ މިލްކުވެރިކަމާއި އެ ތަކެތި ބޭނުންކުރާ ގޮތާއި ބޭނުން ކުރަނީ ކޮން ހަމަތަކެއްގެ މަތީގައި ކާކުކަން އާ ޤާނޫނީ އޮނިގަނޑު ކިޔައިދޭނެ” ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އަމިއްލަ ރަށްރަށުގެ ކައުންސިލްތަކުން ވިޔަފާރި ކުރުމުގެ ބަދަލުގައި ބިލްގެ ވިސްނުން އޮތީ ހިދުމަތްދޭ ފަރާތްތައް ހޯދުމަށް ކައުންސިލްތަކުން ބީލަން ހުޅުވާލަން ޖެހޭ ގޮތަށް ކަމަށެވެ.”އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ސަރުކާރުން ކުރުމަކީ ގޯހެއް. އެއީ ވިޔަފާރީގެ ފައިދާ ނުހޯދޭ އެންމެ ބޮޑު ސަބަބު. ” ނަޝީދު ވިދާޅުވިއެވެ.” މިހާރު ދެ ތިން މިލިއަން ރުފިޔާ ލިބޭ ކައުންސިލްތަކަށް ކުރިއަށް އޮތް ތަނުގައި 30 މިލިއަން ރުފިޔާ ލިބިގެން ދާނެ” ނަޝީދު ވިދާޅުވިއެވެ.