English Edition
Dhivehi Edition
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ރައީސް ނަޝީދުގެ ފެކްޝަންގެ އެކަކުވެސް މި ސަރުކާރު ދިފާޢުކޮށް ސަރުކާރުގެ ސިޔާސަތު ވިއްކަން މަސައްކަތް ނުކުރާކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ވިދާޅުވީ އެކަން އެގޮތަށް ނުވެސް ކުރާނެ ކަމަށާއި އެކަމުގެ ހެކި މިހާރު ދަނީ ފެންނަމުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ދަނީ ސަރުކާރުގެ ތެރޭގައި ތިބެގެން ބަޣާވާތެއް ހިންގަމުން ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

މެމްބަރު ނިހާދު ވަނީ މިކަންތައްތަކަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

“އެ ފެކްޝަނުން މިހާރު މަސައްކަތް ކުރަނީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވަން. އައްޑޫގެ ލޭންޑުޔޫސްޕްލޭނާއި އައްޑޫގެ މަސް ފެކްޓްރީއާއި އައްޑޫ ޓޫރިޒަމް ޒޯންގެ ލޭންޑް ސްކޭޕިންގ ގެ މަސައްކަތްތައް ވެސް ވަނީ އޮޅާލާފަ.” ނިހާދު ވިދާޅުވިއެވެ. އެހެންކަމުން، އައްޑޫގެ ތަރައްގީ ހުއްޓުވާ، ސަރުކާރަށް އޮތް ތާއީދު ގެއްލުވާލަން ކުރާ ކަންކަމަށް ހައްލު ބޭނުންކަމަށް ނިހާދުވަނީ ވިދާޅުވެފައެވެ.

މެމްބަރު ނިހާދު މިފަދައިން ވިދާޅުވެފައިމިވަނީ މި ސަރުކާރާއިއެކު ތިބެވެން ނެތް ކަމަށާއި އެމްޑީޕީ، މި ސަރުކާރުން އެއްފަރާތްވާން ޖެހޭކަމަށް ރައީސް ނަޝީދު ބުނެފައިވާކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.