ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން “ބާޣީ” އޭ ގޮވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް، 2012 ވަނަ އަހަރު ބަޣާވާތަކުން އެމްޑީޕީ ސަރުކާރު ބަދަލުކުރައްވައި، އިންތިޚާބު ނުވެ ރައީސްކން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށެވެ.
Alhugadu ge kureege Naib Raees 2012 vana aharu MDP sarukaaru baqaavathakun badhal kuravva, inthikhaab nuve Raees kankurevvi kamah Raajjeyge varah gina rayyithun dhekey kamah alhugadu dheken. Ehen kamun varah gina Dhivehinnah kureege Naib Raees fenumun ‘Baaqhee’ ey govey
— Mohamed Nasheed (@MohamedNasheed) June 14, 2020
“އެހެންކަމުން ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން “ބާޣީ” އޭ ގޮވޭ”، އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން، އިލްހާމް ހުސެއިންއަށް އެމްޑީޕީ އެކްޓިވިސްޓަކު ވަނީ މިއަދު ހަމަލާދީފައެވެ. އެކަން ހާމަކުރައްވައި ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ‘ޖޯރޭ’ ރައީސްގެ ދެކަނބަލުންނަށް ދިން ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ. އަދި އެ ވަގުތު އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުންނަނަށްވެސް އެ މަންޒަރު ފެންނާނެ ކަމަށް ވަހީދު ވިދާޅުވި އެވެ،
ރައީސް ވަހީދުގެ ދެ ކަނބަލުންނާއި ދިމާލަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި، ފުރައްސާރަކުރި މައްސަލައެއް މިއަދު ހެނދުނު ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.