English Edition
Dhivehi Edition

މިއަދު ރާއްޖެއަށް ދަތުރުތައް އަލުން ފަށާފައިވާ އެއާ އިޓަލީން ދިވެހިރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެއާ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުން ހުއްޓުމަށްފަހު މިއަދު އަލުން ދަތުރުތައް ފަށާފައިވާއިރު މިއަދު ރާއްޖެއަށް އައި އެއާ އިޓަލީގެ ފްލައިޓަށް މަރުހަބާ ކީ ވެލާނާ އިންޓަރޝަނަލް އެއާޕޯޓް(ވީއައިއޭ) އިން އެމްއޭސީއެލްގެ އިސްވެރިންނެވެ.

މިއަދު ރާއްޖެ އައި އެއާ އިޓަލީގެ ފުރަތަމަ ފްލައިޓުން ވެސް 195 ފަތުރުވެރިން އައިސްފައިވެއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާނީ އޭ330 ފްލައިޓެއްގައެވެ.

އެއާޕޯޓް ކޮމްޕެނީ ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އެއާ އިޓަލީގެ ދަތުރުތައް ވީއައިއޭ އަށް ފެށުމަކީ އެ އެއާޕޯޓަށްވެސް ލިބުނު ކުރިއެރުމެއް ކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަންވެސް އިތުރަށް ކުރިއަރާނެ ކަމެއް ކަމަށެވެ.