English Edition
Dhivehi Edition
އެސްއެމްއީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ބޭރު ފައިސާއިން މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހާއްސަ ޓެކްސް-ފްރީ ޒޯންތަކެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ “ރާއްޖެ އެކްސްޕޯ 2026” ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއަކަށް ވެސް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ވިއްކައި، ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ދާއިރާއަށް ހާއްސަކޮށްގެން ޓެކްސް-ފްރީ ޒޯންތަކެއް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް އިއުލާން ކުރެއްވި އެވެ. މިގޮތުން 3 އަހަރުގެ މުއްދަތަކަށް ހިންގާ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.

އަދި މި ދާއިރާގެ އުފެއްދުންތެރިކަން ކުރިއެރުވުމުގެ ގޮތުން އެތެރެކުރާ ރޯ މެޓީރިއަލްސްއިން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ އަހަރުން ފެށިގެން ކަނޑާލުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ހިންގާ 1 ބިލިއަން ރުފިޔާގެ ލޯނު ސްކީމުގެ ދެވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފަށާނެކަން ވެސް ރައީސް ހާމަކުރެއްވި އެވެ.