ގދ. ތިނަދޫގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ނުވަ ދިވެހިންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި އެވެ. މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ އެކި މުއްދަތުތަކަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.
ކޯޓުން ނިންމި ނިންމުމާ ގުޅިގެން ފުލުހުން ބުނީ، ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެކަކު 30 ދުވަހަށް، އެކަކު 15 ދުވަހަށް، އަދި އެކަކު 10 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، ހަތަރު މީހަކު ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން މިހާތަނަށް ގާނޫނީ ވަކީލަކު ހަމަނުޖެހި ތިބި މީހުންނަށް، ވަކީލެއް ހަމަޖެއްސުމަށްޓަކައި ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ އެ ރަށުގައި، 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި މައްސަލަ ރިޕޯޓްކުރީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ތަހުގީގުގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.