ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވީ ވަރަށް މުނާސަބު އަގުހުރި ވާހަކަތަކެއް ކަމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Raeesuljumhooriyyaa @ibusolih rey qaumaa mukhaathab kuravvaa dhekkevee varah munaasab aguhuri vaahakathakeh. Islamdheen himaayaiy kuravvaane kamuge yageenkan. Terrorismah jaaga nudhevvaane kamuge kashavarukan. Hurihaa enmenves hivvarudheynvee thaqvaaverivumah. Baibaivumakah noon.
— Ali Waheed (@ali20waheed) October 29, 2019
އެ ޓްވީޓްގައި މިނިސްޓަރ ވިދާޅުވީ ރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އިސްލާމްދީން ހިމާޔަތްކުރައްވާނެ ކަމުގެ ޔަޤީންކަމާއި، ޓެރަރިޒަމަށް ޖާގަ ނުދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައި ކަމަށެވެ.
“ހުރިހާ އެންމެންވެސް ހިތްވަރުދޭންވީ ތަޤުވާވެރިވުމަށް. ބައިބައިވުމަކަށް ނޫން”، މިނިސްޓަރ ވިދާޅުވި އެވެ.
ރޭ ޤައުމާ މުޚާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ (مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ) އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށެވެ. ހަމައެފަދައިން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވައި އިސްލާމީ ޢަޤީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުޞަތު ނުދެއްވުމަށް ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ ކިބައިން އެމަނިކުފާނު ރޭ ވަނީ އެދިވަޑައިގެންފައެވެ.