English Edition
Dhivehi Edition
08 ސެޕްޓެންބަރު 2017ގައި ޖޭޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

ޤައުމުގެ ސުލްޙަމަސްލަސްކަން ނަގާލުމަށް، އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤައުމީ ދުވަހުގެ ޙާދިސާ އަކީ ޢިބުރަތުގެ ނަޒަރަކުން ބަލާ، ވިސްނަންޖެހޭފަދަ ހާދިސާއެއް ކަމަށެވެ. ދިވެއްސަކަށް ވީތީ އެކަމާމެދު ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭނެ ކަމަށްވެސް އެމްއާރުއެމް އިން ބުނެފައި ވެއެވެ.

“ޤައުމަށް ތިބާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހާނެ ބަޔަކަށްވާން ޢަޒުމު ކަނޑައަޅަން ޖެހެއެވެ. ޤައުމުގައި ސުލްޙަމަސްލަސްކަން ނަގާލުމަށް، އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ އެވެ.”، އެމްއާރުއެމް އިން ނެރުނު މެސެޖުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާޙަތްތެރި މުޖުތަމަޢަކަށް ހަދަން ޖެހޭ ކަމަށްވެސް އެ މެސެޖުގައި ބުނެފައި ވެއެވެ.

އެމްއެމްއާރުއެމް އިން ބުނީ އެ ޕާޓީގެ ދުޢާއަކީ ދިވެހިންނަކީ ޤައުމިއްޔަތަށް ލޯބިކުރާ، ޤައުމިއްޔަތުގެ ރުކުންތަކާއި އަގުތައް ނަގަހައްޓާ ދެމެހެއްޓުމުގެ ޢަޒުމާއި ހިތްވަރު ލިބިގެންވާ ބައެއް ކަމުގައި މާތްﷲ ލެއްވުން ކަމުގަ އެވެ.

ޤައުމީ ދުވަހަކީ މުހައްމަދު ތަކުރުފާނު އަލް އައުޒަމް ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ކުރެއްވުމުގެ ހަނދާން އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރެއެވެ.