English Edition
Dhivehi Edition

ދީނަށް ފުރައްސާރަކުރުން ފެށިގެން އައި އިރު، މިއަދު ޝުއޫރު ފާޅު ކުރަމުންދާ ސިޔާސީ މީހުން ތިބީ ކޮންތާކުތޯ ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ ދީނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫންކަމަށާއި އޭރު އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިޙްތިޖާޖް ކުރަން ފެށްޓެވުމުން މިއީ ޙަޤީޤަތުގައިވެސް، އިޚްލާޞްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަންޖެހޭކަމަށެވެ.

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެ ރައީސް ވަނީ އެ ފަދަ އަމަލުކުރަމުންދާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން މި އަރުވަނީ މީގެ ކުރިން މި ކަންކަމާ ދޭތެރޭގައި އޭރު އޮތް ސަރުކާރުން ފިޔަވަޅު ނޭޅިއަސް މާތްވެގެންވާ އިސްލާމްދީނާ ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ކުރުން ހުއްޓުވަން ޖެހުނު ކޮންމެ ކަމެއް މާތްﷲގެ އިރާދަފުޅާއެކު މި ސަރުކާރުން ކުރާނެކަން،” ދިވެހި ރައްޔަތުންނަށް ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓެއްގައި ދީނަށް ފުރައްސާރަ ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅު ސަރުކާރުގެ އިސްވެރިންވަނީ މިކަމަކީ ސިޔާސީ ފައިދާއެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ އަމަލެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.