English Edition
Dhivehi Edition
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިހް އަލްމަރްޙޫމް ހުސައިން ސަލާޙުއްދީންގެ ހަނދާނަށް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ.

ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ޙުސައިން ޞަލާޙުއްދީން ކުރައްވައިފައިވާ ގައުމީ ހިދުމަތަށްޓަކައެވެ. ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ.

‎ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.

ފަޟީލަތުއްޝައިޚު އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނަކީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ. އެމަނިކުފާނަކީ ދިވެހި ޤައުމުގެ ނަމޫނާ ދަރިއެއްގެ އިތުރުން ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވި ސިޔަރަތަށް ބަލައިލުމުން ވެސް އެމަނިކުފާނުގެ ޢިލްމުވެރިކަމާއި ޢަރަބި ބަހާއި ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަފުޅުކަން ސާބިތުވެއެވެ.