English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލު މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބާއްވައިފި އެވެ. މި އިޙްތިފާލުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ނައިބް ފައިސަލް ނަސީމް އަދި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުލްﷲ ގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އިމާމް، އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މިއަދު ރާއްޖޭގައި ފާހަގަ ކުރަމުން މިދާ ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހި ޤައުމު މިނިވަން ކުރުމަށް އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ކުރެއްވި މިންނެތް މަސައްކަތުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ.