English Edition
Dhivehi Edition
ފްލައި ދުބާއީގެ ފްލައިޓެއް ވީއައިއޭގައި

ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ދެ އެއާލައިނެއްގެ ދެ ފްލައިޓެއް ހުޅުލެއަށް (ވީއައިއޭ) ޖައްސައިފިއެވެ. މައްސަލަ ދިމާވީ އެކުވެރި އަރަބި އިމާރާތުން (ޔޫއޭއީ) ރާއްޖެއަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓަކަށާއި، މާލެއިން ބޭރަށް ދަތުރުކުރި ބިޔޯންޑް އެއާލައިންގެ ފްލައިޓަކަށެވެ.

އޭވިއޭޝަން ހަބަރުތައް ގެނެސްދޭ އޭވިއޭޓާ އިން ބުނީ، ޔޫއޭއީން މާލެއަށް އައި ފްލައިދުބާއީގެ ފްލައިޓް އެފްޒެޑް1569 އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ފްލައިޓް ވަނީ ގާތްގަނޑަކަށް 45 މިނެޓު ވަންދެން ވައިގެ ތެރޭގައި މަޑުކޮށްފައެވެ. އެހެންކަމުން އެ ފްލައިޓް ހުޅުލެއަށް ޖައްސާފައި ވަނީ ތާވަލުކުރި ވަގުތަށްވުރެ ދެ ގަޑިއިރު ފަހުންނެވެ. އެ ފްލައިޓަށް ދިމާވީ ކޮން ކަހަލަ މައްސަލައެއްކަން ސާފުވެފައެއް ނުވެއެވެ.

ދެން މައްސަލަ ދިމާވީ މާލެއިން ބޭރަށް އޮޕަރޭޓްކުރާ ބިޔޯންޑް އެއާލައިންގެ އެއާބަސް އޭ321 (ބީވައިޑީ5437) ފްލައިޓަށެވެ. އެ ފްލައިޓް ފުރިތާ މާގިނައިރުތަކެއް ނުވަނީސް ވަގުތުން އަނބުރާ އައީ، މަތިވަމުން ދިޔަ ވަގުތު ބޯޓުގެ ދުވެލި ދައްކައިދޭ ނިޒާމަށް މައްސަލަތަކެއް ދިމާވުމުން ކަމަށް އޭވިއޭޓާ އިން ބުންޏެވެ.

މި ދެ ފްލައިޓުވެސް ވަނީ ރައްކާތެރިކަމާއެކު ހުޅުލެއަށް ޖައްސައިފައެވެ. އަދި މި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.