English Edition
Dhivehi Edition

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ‘ޕިންކް ރިބަން ރަން،ވޯކް’ އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައި ބާއްވައިފިއެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ދުވުން ބާއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫގައެވެ. ބޭންކް އޮފް މޯލްޑިވްސް އާއި ސިއްހީ މަރުކަޒު ގުޅިގެން ހުޅުމީދޫގައި ކުރިއަށް ގެންދިޔަ މި ދުވުމުގައި ސަރުކާރުގެ މުއައްސަސާތަކާއި އާންމު ރައްޔަތުންވަނީ ބައިވެރިވެފައެވެ. ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗް ކުރިމަތިން ފަށައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކެންސަރާއި ބެހޭ ތަފާތު މައުލޫމާތުތަކާއި ޚާއްސަކޮށް ބްރެސްޓް ކެންސަރާއި ބެހޭ މައުލޫމާތު އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ސިއްހީ އެކިއެކި މައުލޫމާތު ތަކާއި ރަގަޅު ސިއްހަތެއްގައި ހުރުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން ހުޅުމީދޫ ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަސް ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ މައްސަރުގެ ގޮތުގައި ހާއްސަކޮށްފައިވާއިރު މި މަހުގެ ތެރޭގައި ކެންސަރު ބައްޔަށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގައެވެ. މި ގޮތުން ހުޅުމީދޫ ސިއްހީ މަރުކަޒުން އިސްނަގައިގެން ހުޅުދޫ އަދި މީދޫ ރައްޔަތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ވަރަށް އަވަސް މުސްތަގުބަލެއްގައި ޝީ އާއި ގުޅިގެން ކެންސަރަށް ސްކްރީން ކުރުމުގެ ހަރަކާތެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.