English Edition
Dhivehi Edition

މި ސަރުކާރުގެ ދީނީ ސިޔާސަތު ކުރިއަށްގެންދާނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީ (އޭޕީ)ގެ ހުށަހެޅުންތަކާ އެއްގޮތަށް ކަމަށް ޤަބޫލްކުރެއްވި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ އިން 2018ގެ ރިޔާސީ އިންތިޚާބަށް ނިކުތީ އެހެން ތިން ބަޔަކާއެކު އެއްބައިވަންތައް ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، އަދާލަތު ޕާޓީ (އޭޕީ)ގެ އިތުރުން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ.

“އެ ސަރުކާރުގަ ދީނީ ކަންކަން ގެންދާނެ ގޮތަކީ އޭޕީގެ ހުށަހެޅުން ކަމަށް އެމްޑީޕީ ޤަބޫލްކުރި”، އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އަދި އޭގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސިޔާސީ ޝިޔާރަށް ނުވަތަ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ޢަމަލުކުރަން ޖެހޭ ކަމަކަށް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރައީސް ނަޝީދުގެ ރިޕޯޓުގައި އިޝާރާތްކުރައްވާފައި ވަނީ މިހާރު ސަސްޕެންޑްކޮށްފައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓަށެވެ.