ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ފަތުޙުﷲ ޖަމީލް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީ އިން ފާސްކޮށްފި އެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައި ވަނީ ފަތުޙުﷲ ޖަމީލް އާއި ޢިސްމާއީލް ނާޝިދުގެ ނަންފުޅެވެ. މި ދެ ބޭފުޅުންގެ ތެރެއިން ފަތުޙުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކުރީގެ ޑިރެކްޓަރު ކަމުގައިވާއިރު، އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އަދި އިސްމާއިލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު ކަމުގައިވާއިރު، އޭނާ ކަސްޓަމްސްގެ ޚިދުމަތުގައި މަސައްކަތްކުރައްވާތާ ވަނީ 18 އަހަރު ވެފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުޙުﷲ އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އޭނާގެ ނަންފުޅު ފާސްކުރުމަށް ފަހުއެވެ.
މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ވެސް ރައީސް ސޯލިހު ވަނީ މަޖިލީހަށް ނަންފުޅުތަކެއް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ސޯލިހު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ ބޭފުޅުންނަކީ މުޙައްމަދު ސިރާޖް މުނީރު އާއި އަސްމާ ޝަފީޢު އާއި އިސްމާޢީލް ސާޖިދުގެ އިތުރުން އަޙްމަދު ޝަރީފް އާއި އަޙްމަދު ވާފިރު އަދި ހަމްދީ ޢަޤީލް އެވެ.
ޤާނޫނުގައި ބުނެފައިވާ ގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭ ގޮތަށް މީރާގެ ބޯޑުގައި ތިއްބަވާނީ މަޖިލީހުން އައްޔަންކުރާ ޖުމްލަ ހަތް މެމްބަރުންނެވެ.