އަންހެނަކަށް އޭނަގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއްދުވަހަކީ އަލަތު ކައިވެނި ކުރެވޭދުވަހެވެ. ކައިވެނި ކުރާ އަންހެންމީހާ އެދުވަހަކު ވާނީ އެންމެންގެ ސަމާލުކަން އެންމެ ފުރަތަމަ ހުއްޓޭނެ މީހާއަށެވެ. އޭނަގެ ހެދުމަށާއި ހަށިގަނޑުގެ ބައްޓަމަށް އަދި މޭކަޕަށް ވަރަށް ގިނަމީހުން ގެ ސަމާލުކަން ހުއްޓޭނެއެވެ. އެހެން ކަމުން އަބަދުވެސް ކައިވެނީގެ ކުރިން އަންހެންމީހާ ކައިވެންޏަށް ތައްޔާރު ވުމުގެ ގޮތުން ހާއްސަޑައެޓެއް ނަގައެވެ. އަދި ހަށިގަނޑު ރީތިކޮށްބެހެއްޓޭނެ ހުރިހާ ގޮތެއް ހޯދައެވެ. އެގޮތުން ތިރީގައިމިވާ ޑައެޓް ޕްލޭން ފޮލޯކޮށްލުމުން ކައިވެންޏަށް ތައްޔާރުވާ އަންހެން މީހާއަށް މުހިންމު ކަމަށް “ބްލޮސަމް ކޮޗަރ” ގެ ފައުންޑާ ކަމަށްވާ ޑޮކްޓަރ ބްލޮސަމް އިލްތިމާސް ކުރެއެވެ.
ޑޮކްޓަރ ބްލޮސަމް ބުނީ އެންމެ ފުރަތަމަ ކަމަކަށް ބްރައިޑް ކުރަންޖެހޭ ކަމަކީ ސްޓްރެސް ވުމާއި ދުރުވުމެވެ. އަދި އެއަށްފަހު ބަލަންޖެހޭނީ ހަށިގަނޑު ބައްޓަން ކުރުމަށް ފައިދާ ހުރިކާނާ ކައިގެން ކަސްރަތު ކުރުމާއި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކޮންމެ ދުވަހަކު ކެއުމުގައި މޭވާ ހިމަނައި ގިނައިން ފެންބުއިމެވެ.
އެގޮތުން ފެންބޯއިރު ކޮންމެ ދުވަހަކު ހެނދުނު ހޭލާއި ހޫނުފެންތައްޓެއް ބޯން އާދަކުރުމަށް ބްލޮސަމް ބުނެވެ. އެހެނީ ހޫނުފެންތައްޓެއް ބުއިމުގެ އެންމެ މުހިންމު ކަމަކީ ހަށިގަނޑު ޑިޓޮކްސިފިކޭޝަން ކޮށްދިނުމަށް ހޫނުފެނުން އެހީވުމެވެ. އަދި ކޮންމެދުވަހަކުވެސް ދުވަސް ފެށުމުގެ ކުރިން އެއްލީޓަރ ފެން ބޯންޖެހެއެވެ. އަދި އެފެންވެސް ބޯން އެންމެ ރަނގަޅީ ލުންބޯހުތް އެފެނަށް އެޅުމަށްފަހު އެވެ. މީގެ ސަބަބުން ހަށިގަނޑުގައި ވާ އަލްކަލައިން ދަށްކޮށްދެއެވެ.
ބްލޮސަމް ބުނާގޮތުގައި ދެވަނަކަމަކަށް، މޭވާކެއުމަށް ކޮންމެދުވަހަކުވެސް އާދަކުރާށެވެ. ކޮންމެދުވަހަކު ހަންގަނޑަށް ފައިދާ ހުންނަ މޭވާތަކާއި ތަރުކާރީ ކެއުން ވަރަށް މުހިންމު ކަމަށް އޭނަބުނެއެވެ. މޭވާ އާއި ތަރުކާރީ ކަމުން އެއްލީޓަރ ފެން ބޯން ހަނދާން ކުރަންވާނެކަމަށާއި ކެއުމުގައި ތެޔޮގިނައިން ހުންނަ ކާނާ އާއި އެއްކޮށް ދުރުވުމަށް އިސްކަންދޭންޖެހޭނެ ކަމަށް އޭނަބުނެފައިވެއެވެ. މީގެ އިތުރުން ޑްރައިޑް ފުރުޓްސް އަދި ލައިޓް ވެޖިޓޭރިއަން މީލްސް ނެގުމަށް އާދަކޮށް، ޖަންކް ފުޑްސް އެއްކޮށް ހުއްޓާލަންޖެހެއެވެ. އަދި ރޭގަނޑުގެ ނާސްތާއަށް ކިރުތައްޓަކަށް ސެފްރޮން ކޮޅެއް އެޅުމަށްފަހު މި ލައިޓް ޑިނާ ހިޔާރު ކުރުމުން ހަންގަނޑު އޮމާން ކޮށް ދިނުމަށް އެހީވާނެކަމަށް ބްލޮސަމް ބުނެއެވެ.
ތިންވަނަ ކަމަކަށް ބްރައިޑުން ސަމާލުކަންދޭންޖެހޭ ކަމަކީ ކަސްރަތުކުރުމެވެ. އެގޮތުން ހެނދުނު ހިނގާލަން ދިޔުމާއި ކަސްރަތަކީ ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުކޮށްދީ ހަށިގަނޑު ފިޓްކޮށްދޭ ކަމެކެވެ. ހިނގާލަންގޮސް އާދައިގެ ކަސްރަތު ކުރާއިރު ހަށިގަނޑުގައި ސަރުބީ ގިނައިން ހުންނަ ސަރަހައްދު ފާހަނަގަ ކޮށް އެސަރަހައްދުން ސަރުބީ ވިރިގެންދާނެ ފަދަ ކަސްރަތު ކުރުން މުހިންމު ކަމަށް ބްލޮސަމް ބުނެއެވެ. މިގިތުން ކޮންމެ ދުވަހަކު 40 މިނެޓް ކަސްރަތު ކުރުމުގައި ހޭދަކުރުމަށް ބްރައިޑުން ނަށް ބްލޮސަމް އިލްތިމާސް ކުރެއެވެ.
ބްލޮސަމް ބުނެފައިވާ ގޮތުގައި ކައިވެނި ކުރުމުގެ 3 މަސް ނޫނީ 4 މަސްކުރިން ހަށިގަނޑު ބައްޓަން ކުރުމަށް މަތީގައި ބުނެފައިވާ މިޑައެޓް ޕްލޭން ފޮލޯ ކުރުމުން އޭގެ ނަތީޖާ ފެންނާނެއެވެ.