English Edition
Dhivehi Edition

2009 ވަނަ އަހަރު އެމެރިކާގެ އަންހެނަކު ރޭޕްކުރިކަމަށް ބުނެ މަޝްހޫރި ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން މިހާތަނަށް ހޯދާފައިވާ ހެކިތަކާއި ރޮނާލްޑޯގެ ޑީއެންއޭ ދިމާވާކަމަށް އެ މައްސަލައިގެ، ލީކުވެފައިވާ އީމެއިލްތަކަކުން ހާމަވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ލީކުވެފައިވަ އީމެއިލްތަކަށް ބަލާއިރު ޕޮލިހުން ޕްރޮސިކިއުޓާއަށް ފޮނުވާފައިވާ އީމެއިލްގައި ‘ ޑީއެންއޭ އިޒް ބެކް އެންޑް އިޒް އަ މެޗް’ ޖަހާފައިވާ މެއިލެއްވެސް ވަނީ ލީކުވެފައެވެ.

މީގެ ކުރިން މީޑިއާ އާއި ވާހަކަދައްކަމުން ކެތްރީން ބުނެފައިވަނީ 2009 ވަނަ އަހަރު ރޮނާލްޑޯ، އޭނާ ދިރިއުޅޭ ޕޭންޓްހައުސްއަށް ކެތްރީން ގެންދިއުމަށްފަހު އޭނާ ރޭޕް ކުރިކަމަށެވެ. ލަސް ވޭގަސްގެ ފުލުހުން ބުނެފައިވަނީ 13 ޖޫން 2009 ގައި ކެތުރީން، ރޭޕް ގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ އަމަލު ހިންގި ފަރާތާއި ބެހޭ އެއްވެސް މައުލޫމާތެއް ދީފައިނުވާކަމަށެވެ. އަދި އެ މައްސަލަ ބެލުން އޭރު ހުއްޓާލަން ޖެހުނީ ކެތުރީންގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބިގެން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ .

ކެތްރީން އޭރު ބުނެފައިވަނީ އެވާހަކަ ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށެވެ.

އެހެންނަމަވެސް މިދިޔަ އަހަރު މި ރޭޕް ކޭސް އެމެރިކާގެ ކޯޓެއްގައި އަލުން ފެށުމާއި ގުޅިގެން ރޮނާލްޑޯ ބުނީ ކެތްރީން ގެ ތުހުމަތު ތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެކަމަށްވެސް އޭރު ރޮނަލްޑޯވަނީ ބުނެފައެވެ.