މިހާރު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކަން ކުރަށްވަމުން ގެންދަވާ އައިޝަތު ނަހުލާ، އެކަމަނާއަށް ލިބޭނީ ޓްރާންސްޕޯޓް މިނިސްޓަރު ކަން އެނގިވަޑައިގެންނެވީ ހުވާކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ނަހުލާ މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ހެންދުނު ރާއްޖެ ޓީވީގެ “ފަށާ އިރު” ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި އެވެ. ވަޒީރުކަމަށް ވަޑައިގެންނެވި ގޮތާ ގުޅޭ ގޮތުން މިނިސްޓަރ ނަހުލާ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ކުރީން މަޝްވަރާ ކުރެއްވި ކަމަށާއި އެހެން ނަމަވެސް ލައްވަނީ ކޮން މިނިސްޓްރީއަކަށް ކަން ވިދާޅުވީ ހުވައިކުރުމުގެ ރަސްމިއްޔާތުގެ ކުޑަ އިރުކޮޅެއް ކުރީން ކަމަށެވެ.
މި ޕްރޮގްރާމްގައި ނަހުލާ ވިދާޅުވީ އެކަމާ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައި ނުގަންނަވާނޭ ކަމަށާއި އަދި އެ ޕާޓީން ވަކިވާން ޖެހޭ ސަބަބެއްވެސް ނެތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
“ޖުމުހޫރީ ޕާޓީ ނޫން ޕާޓީއަކުން ނުފެންނަންވީ ސަބަބެއް ނެތް. އެކަމަކު އަޅުގަނޑު ޖުމުހޫރީ ޕާޓީން ވަކިވާން ޖެހޭ ސަބަބެއް ވެސް ނެތް” ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވިއެވެ.