އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީގެ) 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާއި އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
ރޭ ސ.އަތޮޅު މަދަރަސާގައި ކުރިއަށް ދިޔަ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓްގެ ކޮމިއުނިޓީ އެމްޕަވާރމެންޓް ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީއެވެ.
އައްޑޫ ސިޓީގެ އެކި އެކި ޖަމްމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވި މި ހަފްލާގައި އެމްއީސީ އިންވަނީ މީދޫ އަށް ތަފާތު ރޮގުރޮގުން ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ އަންހެން ކަނބަލުންނަށާއި ، މުޖްތަމައުއަށް އެކި ރޮގުރޮގުން ހިދުމަތްކުރައްވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައެވެ. މީގެ އިތުރުން އެ ޖަމްމިއްޔާ އަށް ހިދުމަތްކޮށް ދެއްވާފައިވާ ކަނބަލުންނަށާއި ޖަމްމިއްޔާ އަށް އެކި އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާއަރުވާފައެވެ. އަދި އެ ޖަމްމިއްޔާގެ ލާމަސީލު މެމްބަރުންނަށާއި ޒުވާނުންގެ ތެރެއިން އިޖްތިމާއީ މަސައްކަތަށް ޝައުޤުވެރިކަމާއި އެކު އެންމެ ގިނަ އިން ހަރަކާތްތެރި ވާ އުމުރުން އެންމެ ހަގު ޒުވާނާގެ މަސައްކަތް ފާހަގަކޮށް އަރާތަރިގެ ނަމުގައި ވަނީ އެވޯޑެއް ދީފައެވެ.
އެމްއީސީއަށް ތަފާތު ރޮގުރޮގުން ހިދުމަތް ކުރައްވަމުން ގެންދަވާތީ އެކަމުގެ އަގު ވަޒަންކޮށް އެ ޖަމްމިއްޔާގެ ހަތް މެމްބަރަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
އެމްއީސީއަށް ފާހަގަކޮށްލެވޭ ގިނަ އެހީތެރިކަން ފޯރުކޮށްދީފައި އައްޑޫ ސިޓީ ކައުންސިލް، މުހައްމަދު ވަހީދު /އަބްލައީވާދީ، އަހްމަދު ޝިހާމް/ ގުމްރީގެ، އަހްމަދު ޔާމީން/ގްރީން ވިލާ އަދި އިބްރާހީމް މުހައްމަދު/ އިހުގެ ކުލައަށްވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
މީގެ އިތުރުން އެމްއީސީގެ ފަރާތުން ކުރިއަށް ގެންދިޔަ ޝަރީފީ ޕްރީ ސްކޫލްގެ ޓިނު ފުރާޅު ބަދަލުކުރުމުގައި އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށްވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. މި ގޮތުން ސްކޫލްގެ ފުރާޅު ބަދަލުކުރުމަށްޓަކައި އެސްޓީއޯ އިން ޓިނު ހަދިޔާ ކޮށްފައިވާތީ އެކުންފުންޏަށްވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މަސައްކަތަށް ބޭނުންވާ ސާމާން ހަދިޔާކޮށްފައިވާތީ ކައިމޫ އިންވެސްޓްމެންޓް، ސައިމާ ސްޓޯރް އަދި ފުރާޅު ހިޔާކުރުމުގެ މަސައްކަތްކޮށްދީފައިވާ ނޫރައްދީން އިންވެސްޓްމެންޓް އަދި އަލްފާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
ރޭގެ ހަފްލާގައި ފާއިތުވެ ދިޔަ ނުވަ އަހަރު އެ ޖަމްމިއްޔާއިން މުޖްތަމައުގެ ލާބަޔާއި މަންފާއަށް ކޮށްފައިވާ މަސައްކަތްތަކާއި ޖަމްމިއްޔާއިން ހޯދާފައިވާ ކުރި އެރުންތަކާއި ގުޅޭ ހާއްސަ ރިޕޯޓެއްވަނީ ހުށަހަޅާފައެެވެ.