އައްޑޫ ސިޓީގެ ދެ ރަށްކަމުގައިވާ ހިތަދޫ އާއި މީދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ހިންގާ މަޝްރޫޢަށް ކޮންސަލްޓެންސީ ދޭން ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޕްރެސް އޮފް އިންޓަރެސްޓް (އީއޯއީ) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރުން ޚަރަދުކޮށްގެން ހިންގާ އެ ޕްރޮޖެކްޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތްތަކުގެ ތެރޭގައި މީދޫ އަދި ހިތަދޫގައި ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްކުރުމަށް ބޭނުންވާ މިހާރުގެ އެންވަޔަރަމަންޓްގެ ލިޓަރޭޗަރ ރިވިއު، އެންވަޔަރަމަންޓަލް، ބެތިމެޓްރިކަލް އަދި ހައިޑްރޮލޮޖިކަލް ސަރވޭ، މަސައްކަތާ ގުޅޭ ޑޭޓާ ނެގުން، ފީސިބިލިޓީ ސްޓަޑީ ހެދުން، ކޮންސެޕްޓް އިންޖިނިއަރިންގ ޑިޒައިން، ޑިޒައިން ރިޕޯޓް، ކުރެހުން ސެޓް، ބިލް އޮފް ކުއަންޓިޓީޒް، ސްޕެސިފިކޭޝަން އާއި އީ.އައި.އޭ.، މިމަސައްކަތްތައް މި ދެ ރަށުގައި ކުރުން ހިމެނެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި މިއަދުން ފެށިގެން ޝާޢިއު ކުރެވިފައި ވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މިނިސްޓްރީ އިން ބުނީ މި މަސައްކަތަށް ޝައުއުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށެވެ.
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހު 12:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” ފޮނުވަންޖެހޭނެ ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީ އިން ބުނެއެވެ.