English Edition
Dhivehi Edition

މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރު ޝަޒައިލް ޝިޔާމް، މަޤާމުން ސަސްޕެންޑް ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު އާއި ހަވާލާދީ “ސީއެންއެމް” އިން ރިޕޯޓްކުރާ ގޮތުގައި ޝަޒައިލް ސަސްޕެންޑްކޮށްފައި ވަނީ ކޮރަޕްޝަންގެ މައްސަލަ ރިޕޯޓް ކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ އޮންލައިން ޕްލެޓް ފޯމަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ބަލަމުންދަނީ ޝަޒައިލްގެ ކޮން މައްސަލަތަކެއް ކަމާއި، އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ހޫދު ހިއްސާކުރައްވާފައެއް ނުވެއެވެ.

ޝަޒައިލް މަޤާމުން ސަސްޕެންޑްކޮށްފައިވާއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށް، މީސްމީޑިއާގައިވެސް ބައެއް ފަރާތްތަކުން ވަނީ ޕޯސްޓް ކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް ކޮމިޓީން ވެސް ގެންދަނީ މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަމުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަޒައިލް، މޯލްޑިވް ގޭހުގެ އެމްޑީއަކަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.