English Edition
Dhivehi Edition

ގދ. ތިނަދޫ ދެކުނު ސަރަހައްދުގައި ފެންނަން ހުންނަ މި ވަށް ބޯޅަ އަކީ ކޯއްޗެއް ހޭ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އަތޮޅު ފެރީން ތިނަދޫ އަށް އަންނަ މީހުންވެސް މިއީ ކޮން ބޯޅައެއް ހޭ އަހާ އަޑު އަހަމެވެ. ބައެއް ކުޑަކުދިން މަންމާ މިއީ “ބެލޫން” އެއްތޯ ސުވާލުކޮށް އުޅެއެވެ. އަދި ބައެއް ޒުވާނުން މިއީ ބޮމެއް ހޭ އަހާ އަޑުވެސް އިވެއެވެ.

އަސްލު ހަޤީޤަތަކީ މިއީ އެސް.ޓީ.އޯ. ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ، މޯލްޑިވް ގޭހުގެ އަމިއްލަ ބަޖެޓުން 5.8 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ގޭސް ޕްލާންޓް ވެގެން ދާނީ ރާއްޖޭގައި މިހާރު ހުރި، އެ ކުންފުނީގެ އެންމެ ބޮޑު ޕްލާންޓް ކަމަށާއި އެ ޕްލާންޓަކީ 1500 ޓަނުގެ ގޭސް ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ޕްލާންޓެއް ކަމަށް އެ ކުންފުނީގެ ޕްރޮޑަކްޝަން އިންޖިނިއަރިންގ ޖެނެރަލް މެނޭޖަރ އަހްމަދު އަމީރު މަޢުލޫމާތު ދެއެވެ.

ތިނަދޫ ކައުންސިލުން މޯލްޑިވް ގޭސް އަށް ދީފައިވާ 90،000 އަކަފޫޓުގެ މި ބިމުގައި އެ ކުންފުނިން ތަރައްގީކުރުމަށް ގަސްތުކޮށްފައިވަނީ ރާއްޖޭގެ މިހާތަނަށް އެޅިގެންދާނެ އެންމެ ބޮޑު ގޭސް ޕްލާންޓް އެވެ. އެތަނަކީ ތިނަދޫ ދެކުނު ފަރާތު ޖެޓީ ސަރަހައްދުގައި އޮންނަ ބިމެއް ކަމުން ރަށުން ބޭރުން އަންނަ ދޯނިފަހަރާއި ބޯޓުފަހަރަށް ގޭސް ބަރުކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

މި ޕްލާންޓް އެޅުމަށްފަހު ގޭސް ވިއްކާނީ މޯލްޑިވް ގޭސްގެ އޭޖެންޓުންނަށެވެ. ވަކި ސަރަހައްދަކަށް ޚާއްސަކޮށްގެން ނުވިއްކި ނަމަވެސް ދެކުނުގެ 04 އަތޮޅާއި އުތުރުން އެންމެ ކައިރީގައި އޮތް ހައްދުންމަތީގެ އެޖެންޓުންނަށް ވެސް ތިލަފުށިން ގޭސް ގަތުމަށް ވުރެން މި ޕްލާންޓް އިން ގޭސް ގަނެގެން، މިހާރަށްވުރެ ހެޔޮ އަގެއްގައި އާއްމު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

މޯލްޑިވް ގޭހުން ރާއްޖޭގައި ތަރައްގީ ކުރާ އެންމެ ބޮޑު ގޭސް ޕްލާންޓް ތިނަދޫގައި ގާއިމް ކުރެވިގެން ދިއުމުން ދެކުނުގެ ހަތަރު އަތޮޅަށް އެކި ގޮތްގޮތުން އޭގެ ފައިދާ ލިބިގެންދާނެ ކަމީ މި އަތޮޅުތަކުގެ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. މީގެ އިތުރުން ތިނަދޫ ގައި އިތުރު ވަޒީފާގެ ފުރުޞަތުތަކެއް ވެސް އުފެދިގެންދާނެ ކަމީ ތިނަދޫ ކައުންސިލުގެ އުއްމީދެވެ.

ތިނަދޫ ކައުންސިލުން ގޭސް ޕްލާންޓް އެޅުމަށް މޯލްޑިވް ގޭސް އާއި އެކު އެއްބަސްވެވުނީ 2017 ވަނަ އަހަރުގައެވެ. މިއީ ތިނަދޫ ކައުންސިލުގެ ދެވަނަ ދައުރުގެ ހުރިހާ މެމްބަރުންވެސް އިއްތިފާޤުވެ ވަޑައިގެންނެވި މަޝްރޫޢެކެވެ. މި ޕްލާންޓްގެ ވަށާ ފެންސް ޖަހައި ވެއަރ ހައުސް އަޅައި ނިމި، ޕްލާންޓް ގައި ބަހައްޓާ ޓޭންކު ބުޑުތަކާއި ސާމާނު ރާއްޖެ ގެނެސް ސްފެއަރ ޓޭންކްގެ މަސައްކަތް ކުރިއަށްގެންގޮސް 2020 ވަނަ އަހަރުގެ ކުރީކޮޅުގައި މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި 2020 ވަނަ އަހަރު ނިމިގެން ދިޔައީވެސް މި ތަނުގެ އަމަލީ މަސައްކަތެއް ނުކޮށެވެ.

އެހެންނަމަވެސް މިހާރު މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ޗައިނާ މީހުން ވަނީ ތިނަދޫއަށް އައިސްފައެވެ. މި މީހުން ޗައިނާއިން ކޮވިޑް-19ގެ ވެކްސިން ޖަހައިގެން އައިސްފައިވީ ނަމަވެސް އެޗް.ޕީ.އޭ ގެ ޤަވާޢިދާއި އެއްގޮތަށް އަމަލު ނުކޮށްގެން އާއްމުންގެ ޝަކުވާތަކެއް ހުރެދާނެތީ ތިނަދޫގައި ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަކުރުމަށްފަހު އަމަލީ މަސައްކަތަށް ނުކުންނާއެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ގދ. ތިނަދޫގައި މި ޕްރޮޖެކްޓާއި ހަވާލުވެގެން ހުންނެވި މޯލްޑިވް ގޭސްގެ ޕްރޮޖެކްޓް އޮފިސަރ މުޙައްމަދު މޫސާ (ނޫޒަމް) ވިދާޅުވީ މާރިޗް މަހުގެ 08 ހިސާބުގައި މި ޕްލާންޓް ގައި ގޭސް ރައްކާކުރެވޭ ސްފެއަރ ޓޭންކްގެ ނުނިމި ހުރި މަސައްކަތް ފެއްޓޭނެ ކަމަށެވެ. މިފަދަ ބޮޑު ޕްރޮޖެކްޓެއް ކުރިއަށްގެންދާއިރު އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގެ އިތުރުން ޕްލާންޓް އަށް ގޭސް ގެންނަ ބޯޓު ގާތް ކުރުމަށް ޕައިޕް ލައިން އެޅުމަށް މޫވިންގ މެކޭނިޒަމް ގާއިމުކުރުމަށް މެރިން ސާރވޭ ކުރުމުގެ މަސައްކަތަށް ކުރިއަށްގެންދިއުމަށް އެ ކަމަށް ގާބިލު މީހުންނާއި ވާހަކަ ދެކެވެމުން ދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިއީ މޯލްޑިވް ގޭހުން އަޅާ އެންމެ ބޮޑު ގޭސް ޕްލާންޓް އެވެ. މޯލްޑިވް ގޭހުގެ ތިލަފުށީގެ ޕްލާންޓް ގައިވެސް ހުންނަނީ 1000 ޓަނުގެ ގޭސް ރައްކާ ކުރެވޭ ގޮތަށެވެ. ނަމަވެސް މިތަނުގައި 1500 ޓަނުގެ ގޭސް ރައްކާ ކުރެވޭނެއެވެ.

1 ކޮމެންޓް
Neenu
މާޗް 4, 2021
Pres.Yameen ge Uhuru visney sikudeege baaru verikamuge nafaa mifennanee. Mikahala kithanme kameh miadhu fennan huhtas e'kankan balaigai rahyitheh nei.