English Edition
Dhivehi Edition
މާލޭ ސްވިމިންގ ޓްރެކް މަރާމާތުކުރުމުގެ ތެރެއިން - ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން

މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މާލޭ އިރުދެކުނު ފަރާތުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކްގައި ޑައިވިންގ ޕްލެޓްފޯމެއް ހަދަން ބޭނުންވާތީވެ، އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށްވެސް އެ އިޢުލާނުގައި ވެއެވެ.

މީގެ އިތުރުން އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 އޮކްޓޫބަރު 19 ން 2020 އޮކްޓޫބަރު 21 ގެ ނިޔަލަށް މި ލިންކު މެދުވެރިކޮށް “ރަޖިސްޓްރީ ފޯމް” ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް ވަނީ އަންގައިފައެވެ. އަދި ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމުގައިވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހޭނެއެވެ. އަދި ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނީ 2020 އޮކްޓޫބަރު 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި މާލޭ އިރުދެކުނުފަރާތު ސްވިމިންގ ޓްރެކްގައެވެ.

އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 (ވިހިހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 ގައިސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިންގ ރޫމް ގައެވެ.