English Edition
Dhivehi Edition

 

ހުޅުމާލޭ ސްޕޯރޓްސް ކޮންޕްލެކްސް ގައި ގާއިމު ކޮށްފައިވާ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވައިލައިފިއެވެ.

މެމްބަރޝިޕް އުސޫލުން ޚާއްސަ ފީއަކާއެކު ބޭނުންކުރެވޭ ގޮތަށް ޕޫލްގެ ޚިދުމަތް ހުޅުވާލިއިރު ދިވެހިންގެ އަތުން ނަގަނީ މަހަކު 1500 ރުފިޔާއެވެ. ދިވެއްސަކު ދުވާލަކު 1 ގަޑިއިރު ބޭނުން ކުރާނަމަ ކަނޑައެޅިފައިވާ ފީއަކީ 150 ރުފިޔާއެވެ. މީގެ އިތުރުން ބީދޭސީންނަށް މަހަކު 3000 ރުފިޔާގެ ފީއެއް ނަގާއިރު ދުވާލަކު 1 ގަޑިއިރަށް ނަގަނީ 300 ރުފިޔާގެ ފީއެކެވެ.

ކުރިއަށް ބުކް ކުރާ ތަރުތީބުން ޖާގަ ދޭގޮތަށް ހުޅުވާލި މި ފުރުސަތުގައި ޕޫލްގެ ޚިދުމަތަށް އެދެވޭނީ ފެތުމުގެ ގައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތަކަށް ފުރުސަތު ދިނުމަށް ފަހުގައި ކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ސުވިމިން އެސޯސިއޭޝަނުން ބަލަހައްތަމުންދާ މިޕޫލް ބޭނުން ކުރުމަށް ހަދާފައިވާ ޤަވާޢިދުގައި ވާ ގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ އާއިލާތަކަށާއި ގުރޫޕް ތަކަށް ޚާއްސަ ދެ ދުވަހެވެ.

މީގެ އިތުރުން، މުބާރާތްފަދަ އިވެންޓްތައް ބޭއްވުމަށްވެސް ޕޫލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕޫލު ބުކްކުރުމާއި، މެންބަރޝިޕްފީ ދެއްކުމަށް ގުޅުއްވާނެ ނަންބަރަކީ 7800096 އެވެ.

ހުޅުމާލޭ ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް، ޔޫތް މިނިސްޓްރީއާއި ހަވާލުކުރިއިރު އެ ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމްއެއް ގާއިމް ކޮށްފައިވެ އެވެ.