ދީނާއި ދައުލަތް ވަކިން އޮންނަނީ ސެކިއުލާ ޤައުމްތަކުގައި ކަމަށާއި، ރާއްޖެއަށް ‘ސެކިއުލަރިޒަމް’ ނުގެނެވޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Dhivehi dhaulathuge bingalakee Islaamee Shareeaiy. Islaam Dheenaai sarukaarakee adhi sarukaaruge siyaasathakee ves vakikureveyne echchehnoon. Dheenaai dhaulaiy vakin onnanee secular qaumuthakugai. Raajje akah secularism nugeneveyne, InshaaAllah.
— Adam Shareef Umar (@Adamshareefz) October 13, 2019
އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ދިވެހި ދައުލަތުގެ ބިންގަލަކީ އިސްލާމީ ޝަރީޢަތް ކަމަށާއި، އިސްލާމް ދީނާއި ސަރުކާރަކީ އަދި ސަރުކާރުގެ ސިޔާސަތަކީވެސް ވަކިކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
“ދީނާއި ދައުލަތް ވަކިން އޮންނަނީ ސެކިއުލާ ޤައުމްތަކުގައި. ރާއްޖެ އަކަށް ސެކިއުލަރިޒަމް ނުގެނެވޭނެ”، އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ސެކިއުލަރިޒަމް އަކީ ދައުލަތުގެ ސިޔާސަތުތަކުގައި އާއި އާންމު ތަޢުލީމުގައި ދީން ހިމަނަން ނުޖެހޭ ކަމަށް ޤަބޫލުކުރާ ނިޒާމެކެވެ. ރާއްޖެއާއި އެންމެ ކައިރީގައި އޮންނަ އިންޑިއާ އަކީ ސެކިއުލަރިސްޓް ޤައުމެކެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، އިސްލާމީ ހަރުކަށި ފިކުރު ރާއްޖޭގައި އޮންނަ މިންވަރު ދިރާސާކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓެއް ޝާޢިއުކުރި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އުވާލަން ސަރުކާރަށް ގޮވައިލަމުންނެވެ.
އެ ރިޕޯޓު މިހާރު އެމްޑީއެން އިން އަނބުރާ ގެންގޮސްފައިވާއިރު، ޔޫތު މިނިސްޓްރީ އިން ވަނީ އެ ރިޕޯޓުގެ ތަޙުޤީޤު ނިމެންދެން ވަގުތީގޮތުން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ.