ނިއު ޒީލޭންޑްގެ ހަޓް ސިޓީގެ ކައުންސިލްގެ އިންތިޚާބު ދިވެހި އަންހެނަކު ކާމިޔާބުކުރައްވައިފި އެވެ.
ހަޓް ސިޓީ ކައުންސިލްގެ އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ މީގެ 20 އަހަރު ކުރިން ފެށިގެން އާއިލާއާއެކު ނިއު ޒީލޭންޑްގައި ދިރިއުޅުއްވަމުން އަންނަ ޝާޒްލީ ރަޝީދު އެވެ.
ހަ މެމްބަރުންގެ ޖާގަ އޮންނަ އެ ކައުންސިލަށް ޖުމްލަ 19 ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ މަތިން ވޯޓު ހޯއްދެވި (16،576 ވޯޓު) ލޭބަރ ޕާޓީގެ މެމްބަރު ބެރީ ކޭމްޕްބެލް ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ. ބާކީ ތިބި 18 ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލެއްވި ޝާޒްލީ އަށް ވަނީ 8،922 ވޯޓު ލިބިވަޑައިގެންފަ އެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމާއެކު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޝާޒްލީ ވަނީ އޭނާއަށް ވޯޓުދެއްވި ލޯވރ ހަޓްގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ކައުންސިލް އިންތިޚާބުގައި ޝާޒްލީ ކޮށްދެއްވަން ވައުދުވެވަޑައިގަތް ކަންތައްތަކުގެ ތެރޭގައި ވިޔަފާރިތައް ފުޅާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، އާއިލާތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމުގެ އިތުރުން ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ އިތުރަށް ރަނގަޅުކޮށްދީ މާލިއްޔަތު ބަލަހައްޓައި ދަރަނި ކުޑަކުރުން ހިމެނެއެވެ.
ޝަޒްލީ އަކީ އެ ސިޓީގައި ކާމިޔާބު ކަމާއެކު “ޝާޒްލީ އެކްސްޕީރިއެންސް”ގެ ނަމުގައި ސެލޫނެއްވެސް ހިންގަވަމުން އަންނަ ފަރާތެކެވެ.