English Edition
Dhivehi Edition

ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ވަގުތީ ހިޔަލުގައި ތިބި 38 އާއިލާގެ ތެރެއިން 24 އާއިލާއަކަށް ތިން މަސް ދުވަހުގެ ކުލި ދިނުމަށް އެ އޮތޯރިޓީ އިން ނިންމައިފި އެވެ.

އެންޑީއެމްއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލިފާނުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން މަރާމާތަށްފަހު އަނބުރާ ގެޔަށް ނުވަދެވޭނެ ކަމަށް ބެލެވޭ ގެތަކުގައި ކުއްޔަށް ދިރިއުޅުނު ގޭބިސީތަކަށް އަލުން އައު ތަންތަން ކުއްޔަށް ހޯދުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެފަރާތްތކަށް ކުއްޔަށް ދެއްކުމަށް ބޭނުންވާނެ ތިން މަސް ދުވަހުގެ ފައިސާ ހަމަޖައްސައިދޭގޮތަށް ނިންމާފައިވާ ކަމަށާއި، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެ 24 އާއިލާއަށް ތަންތަން ކުއްޔަށް ހިފައިގެން ބަދަލުވެވޭ ވަރަށް އިންތިޒާމްތައް އެ އޮތޯރިޓީ އިން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ހެންވޭރުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެގެން ހިނގި އެ ހާދިސާގައި އަލިފާންގަނޑު ފެތުރި ކައިރީގައި ހުރި އިތުރު 9 އިމާރާތަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އެ ނުވަ އިމާރާތްވެސް އާންމު ސަލާމަތަށްޓަކައި ތަޅާލާފައިވާއިރު، އެ ހާދިސާގައި 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އާންމު ރައްޔިތުންނާއި ބިދޭސީންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން، އެ ހާދިސާ އާއި ގުޅިގެން ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް ކެމިކަލް ރައްކާކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެކަންވެސް އިއުލާން ކޮށްފައެވެ.