English Edition
Dhivehi Edition

ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހުޅުވި މާލޭ ފަޔަރ ރިލީފް ފަންޑު ބަންދުކޮށްފި އެވެ.

އެންޑީއެމްއޭ އިން މިއަދު ބުނެފައިވަނީ އެ ފަންޑު މިއަދު ހަވީރު 16:00 ގައި ބަންދުކޮށްފައިވާ ކަމަށާއި، ބަންދުކުރިއިރު އެ އެކައުންޓަށް ޖުމްލަ 2،528،833.37ރ. ޖަމާވެފައިވާ ކަމަށެވެ.

ހެންވޭރުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެގެން ހިނގި އެ ހާދިސާގައި އަލިފާންގަނޑު ފެތުރި ކައިރީގައި ހުރި އިތުރު 9 އިމާރާތަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އެ ނުވަ އިމާރާތްވެސް އާންމު ސަލާމަތަށްޓަކައި ތަޅާލާފައިވާއިރު، އެ ހާދިސާގައި 700 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ.

އެންޑީއެމްއޭ އިން މިދިޔަ ބުދަ ދުވަހު އިއުލާންކުރި ގޮތުގައި އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ވަގުތީ ހިޔާތަކުގައި ޖުމްލަ 164 މީހުންނާއި 29 އާއިލާއެއް އެބަތިއްބެވެ.

އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އާންމު ރައްޔިތުންނާއި ބިދޭސީންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން، އެ ހާދިސާ އާއި ގުޅިގެން ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް ކެމިކަލް ރައްކާކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެކަންވެސް އިއުލާން ކޮށްފައެވެ.