ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރާއްކާތެރިވުމުގެ ގޮތުން ޚާއްސަ އެމަރޖެންސީ ޑްރިލެއް މިއަދު ބާއްވައިފި އެވެ.
މިއަދު ބޭއްވި އެ ޑްރިލްގައި މިނިސްޓްރީ އޮފް ހެލްތު އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސް ވަނީ ބައިވެރިވެފަ އެވެ. އެ ޑްރިލަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މުއައްސަސާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރިއަށްގެންދިޔަ ޑްރިލެކެވެ.
އެޗްޕީއޭ އާއި އެންޑީއެމްއޭ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޑްރިލަކީ ގޭބިސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތްތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު އެފަދަ ޙާލަތެއްގައި އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބާއްވާ ޑްރިލެއް ކަމަށެވެ.
އަދި އެ ޑްރިލްގެ ތެރެއިން ގޭބިސީއެއްގައި ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެ ގޮތުގެ އިރުޝާދުވެސް ވަނީ ދީފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެންޑީއެމްއޭ އާއި އެޗްޕީއޭ އިން ވަނީ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރެއްވެސް ޤާއިމްކޮށްފަ އެވެ. އަދި މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.